ސަރުކާރުން ހުރިހާ މުއައްސަސާއެއް "ޕެރެލައިޒްކޮށްލާފައިވާ" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ސަރުކާރުން އަންނަނީ ހުރިހާ ތަނެއް ހައިޖެކްކޮށް ނިންމަމުން ކަމަށާއި ސުޕްރީމް ކޯޓާއި ހައިކޯޓަށް ވެސް ބޭނުން ބަޔަކު އައްޔަންކުރަމުންދާ ކަމަށެވެ.
"މިހާރު މިތާ މިއޮތީ ހުރިހާ މުއައްސަސާތަކެއް ޕެރެލައިޒްކޮށްލާފައި. ހަމަ ގަސްދުގައި ޕެރެލައިޒްކޮށްލާފައި މިއޮތީ،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ ކަންކަން ނުބެލޭނީ މުއައްސަސާތައް ޕެރެލައިޒްކޮށްލުމުން ކަމަށާއި ރޯމާ ދުވާލު ކުރަމުންދަނީ ވައްކަން ކަމަށް ޔާމީން ވިދާޅުވި އެވެ. މީގެއިން އެއްވެސް ކަމެއް ބަލަން ބޭނުން ނުވާ ކަމަށާއި ކޮރަޕްޝަންގެ ކަންކަން މި ސަރުކާރަށް ވެސް އަދި އެމްޑީޕީ އަށް ވެސް ނުބެލޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަނެއްކާވެސް މި ކަންކަން ބަލާ ކަމަށްވާނަމަ މި މީހުން އެއް ފަރާތަށް ޖައްސާފައި، މިކަން ކުރަން ކެރޭވަރުގެ ބަޔަކު އަންނަންވީ،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން މުއައްސަސާތައް "ޕެރެލައިޒް" ކޮށްލާފައިވާ ކަމަށް ޔާމީން ވިދާޅުވި އިރު، ހައިކޯޓުގެ ފަނޑިޔާރު ކަމަށް މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީދު އައްޔަންކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލައާ ގުޅިގެން ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ޝަހީދަކީ ޕީޕީއެމް/ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި ވެސް އަމަލީގޮތުން ބައިވެރިވި ފަރާތެކެވެ.
ޝަހީދު އެ މަގާމަށް އައްޔަންކުރުން ހުއްޓުވުމަށް ސިވިލް ކޯޓަށް މައްސަލައެއް ވެސް މިހާރު ވަނީ ވައްދާފަ އެވެ. އެ މައްސަލައިގައި ވަނީ ކޯޓަށް ހުށަހެޅި މައްސަލަ ނިމެންދެން ޝަހީދު އެ މަގާމަށް އައްޔަންކުރުން ހުއްޓުވުމުގެ އަމުރަކަށް އެދިފަ އެވެ.