Last Updated: August 3, 11:09
Sunday, August 3, 2025
ޚަބަރު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް މޫސަ ކުރިމަތިލަނީ

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާނެކަން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އިއުލާންކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވީ އެމްޑީޕީ ހަމަ މަގަށް އެޅުވުމަށް އަދި ޕާޓީގައި މީގެކުރިން އޮތް ރޫހު އާލާކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިވަގުތު ހުންނެވީ ފައްޔާޒު އިސްމާއިލް އެވެ. މޫސަ ގެންދަވަނީ ސޯޝަލް މީޑިއާގައި ދޭތެރެ ދޭތެރެއިން އެމްޑީޕީގެ މިހާރުގެ ލީޑަޝިޕަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު މީގެކުރިން ފުރުއްވި މޫސަ ވަނީ 2014 ވަނަ އަހަރު އެ ޕާޓީން ވަކިކޮށްފަ އެވެ. މޫސަ އަލުން އެމްޑީޕީއާ ގުޅުނީ 2022 ވަނަ އަހަރު އެވެ.

މޫސަ އެމްޑީޕީން ވަކިކުރީ 2014 ވަނަ އަހަރުތެރޭ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީގެ ވިޕްލައިނާ ޚިލާފްވި މައްސަލައިގަ އެވެ.

އެ މައްސަލައިގައި މޫސަ ޕާޓީން ވަކިކުރުމުގެ އިތުރުން އަލުން އެ ޕާޓީއަށް ވަންނަން ބޭނުންވާ ނަމަ މަދުވެގެން 50 މެމްބަރުންގެ ސޮއި ހުށަހަޅަންޖެހޭނެ ގޮތަށް ފިޔަވަޅު އަޅާ ކޮމެޓީން ނިންމި އެވެ. އަދި ޕާޓީއާ އަލުން ގުޅުނަސް ފަސް އަހަރު ވަންދެން އެ ޕާޓީގެ އެއްވެސް މަގާމަށް ކުރިމަތި ނުލެވޭނެ ކަމަށާއި އެއްވެސް ޕްރައިމަރީއެއްގައި ވާދަ ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެ ނިންމުން އެގޮތަށް ނިންމާފައިވަނިކޮށް އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސް ކަމަށް ވާދަކުރަން މޫސަ މިދިޔަ އަހަރު ހުށަހެޅި އެވެ. ނަމަވެސް އެ ފުރުސަތު ދީފައެއް ނުވެ އެވެ.

މޫސަ އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ފަރާތެކެވެ.