Last Updated: August 3, 11:09
Sunday, August 3, 2025
ވިޔަފާރި

ދުންފަތުގެ ބާވަތް އެތެރެ ކުރެވޭނީ އިންޒާރު ހިމަނައިގެން

އިންޒާރުގެ މެސެޖު ބޭރަށް ފެންނަ ޗާޕުކޮށްގެން ނޫނީ ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެ ނުކުރެވޭ ގޮތަށް ދުންފަތާ ގަވައިދު އިސްލާހުކޮށްފި އެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ "ޑިޒައިން އެންޑް ލޭއައުޓް ރިކުއާމަންޓްސް ފޮ ހެލްތު ވޯނިން" ގެ ފުރަތަމަ އިސްލާހު ގެޒެޓްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ސިނގިރެޓް ފަދަ ބާވަތްތައް އެތެރެކުރާ އިރު އިންޒާރު ބޭރުގައި ޗާޕުކޮށްގެން ކަމަށްވާތީ އަލަށް ގެޒެޓްކުރި އުސޫލުގައި ވަނީ އިންޒާރު ޗާޕުކުރަން ޖެހޭ ތަކެތީގެ ލިސްޓަށް ހީޓެޓް ޓޮބޭކޯ ޕްރޮޑަކްޓްސް އާއި ނިކޮޓީން ޕައުޗު ވެސް ހިމަނައިފަ އެވެ. އަދި ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރެވޭނީ ސިއްހަތުގެ އިންޒާރު ސީދާ ޕެކޭޖް ގެ ބޭރަށް ޗާޕުކޮށްގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުންޏެވެ.

އުސޫލުގައިވާ ގޮތުން އެގޮތަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 28 އިން ފެށިގެންނެވެ.

އެޗްޕީއޭ އިން ބުނީ އެ ތާރީހުން ފެށިގެން މި އުސޫލުގައިވާ ގޮތް ނޫން ގޮތަކަށް ޕެކްޓްކޮށް ލޭބަލްކޮށްފައިވާ ނަމަ ގާނޫނާއި ގަވާއިދުގެ މަތިން އަމަލު ކުރެވޭނެ ކަމަށެވެ.