ރާއްޖެ އާއި އެމެރިކާއާ ދެމެދު ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގައި އިއްޔެ އޮތް މި ބައްދަލުވުމުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާއިރު، މި ބައްދަލުވުމުގައި ހާއްސަ ސަމާލުކަމެއް ދީފައިވަނީ ތިމާވެށީގެ ދާއިރާއިންނާއި، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމުގެ ދާއިރާއިން ކުރެވިދާނެ އިންވެސްޓްމަންޓްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށެވެ.
މީގެއިތުރުން މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ދެގައުމު އެކީ މަސައްކަތްކުރުމަށާއި، ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް އަދި ސޯލާ ހަކަތަ ފަދަ ސާފު ހަކަތައިގެ މަޝްރޫއުތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް ހިމެނެ އެވެ. އަދި ސާފު ހަކަތަ އުފެއްދުމަށް ކުރެވޭ އިންވެސްޓްމެންޓް ތަކާ ބެހޭގޮތުން ވެސް ފުޅާ ދާއިރައެއްގައި މަޝްވަރާކުރެވިގެންދިޔަ އެވެ.
މިނިސްޓްރީން ބުނީ މި މަޝްވަރާތަކަކީ ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަޝްވަރާތަކެއް ކަމަށެވެ.
މި ބައްދަލުވުން ކުރިއަށް ދިޔައީ ރާއްޖޭގައި ހުންނަވާ އެމެރިކާގެ ސަފީރު ހޫގޯ ޔޯން އަދި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤު އިބްރާހިމް އާ ދެމެދުގަ އެވެ.