Last Updated: June 6, 11:50
Saturday, June 6, 2026
ރިޕޯޓް

ފިރިމީހާގެ އަބުރު ރައްކާތެރިކޮށް ދޭން ޖެހޭނެ!

ތިމާގެ ފިރިމީހާގެ އަބުރު ރައްކާކޮށް އެކަމުގެ މައްޗަށް ފަރުވާތެރިވެ އޭނަ އަށް ޝަރަފުވެރިކަން ހޯދައި ދިނުމީ ވެސް އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބެންވާ ޙައްޤެކެވެ. އަނބިމީހާއީ ހުރިހާ ގޮތަކުން ވެސް ފިރިމީހާގެ ހުރިހާކަމެއް ބަލަހައްޓާ އޭނާގެ ސިއްރު ވެރިޔާއެވެ. އަނބިމީހާ ސިފަކޮށް ދެއްވައި ކީރިތި ޤުރްއާނުގައި ﷲ ސުބްޙާނަހޫ ވާތަޢާލާ ވަޙީ ކުރައްވާފައިވާ ބަސްފުޅެއް ވިދާޅުވާށެވެ.

فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِلْغَيْبِ – النساء: ٣٤

މާނައީ : “ފަހެ ޞާލިޙް އަންހެނުންނަކީ މަތިވެރި މާތްﷲ އަށާއި، އަދި ތިމާގެ ފިރިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށް ކިޔަމަންތެރިވާ އަންހެނުންނެވެ. އަދި ފިރިމީހާ ނެތް ވަޤުތުގައި ވެސް އޭނާގެ ހުރިހާ ކަމަކާމެ ދު ރައްކާތެރިވެގަންނަ އަންހެނާއެވެ.” މިއެވެ.

ފިރމީހާއަށްޓަކައި އަނބިމީހާ ރައްކާތެރިވެ ގަންނަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ ފިރިމީހާގެ އަބުރަށް ރައްކާތެރިކޮށް އޭނާގެ ސިއްރުތައް ވަންހަނާ ކުރުމެވެ. އަދި ފިރިމީހާގެ އަބުރަށް ހުތުރުވާ ފަދަ އެއްވެސް ކަމެއް ކުރުމީ އަނބިމީހާ އަށް ޖާއިޒްވެގެންވާ ކަމެއް ނޫނެވެ. ފިރިމީހާގެ ކިބައިގައި ޢައިބެއް ހުރި ނަމަވެސް އެ ޢައިބެއް އިޞްލާޙް ކުރުމާ އެކު ސިއްރުކޮށް ހެދުމީ އަނބިމީހާގެ ވާޖިބެކެވެ. ރަނގަޅު އަނބިން ސިފަކޮށް ދެއްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވަނީ

“اَلْمَرْءَةُ الصَّالِحَةُ إِذَا نَظَرَ إِلَيْهَا سَرَّتْهُ وَإِذَا أَمَرَهَا أَطاَعَتْهُ وَإِذَا غَابَ عَنْهَا حَفِظَتْهُ” (އަބޫ ދާއޫދު)

މިފަދައިންނެވެ. މާނައީ: “ޞާލިޙް ރަނގަޅު އަނތްބަކު ވިއްޔާ ފިރިމީހާ އެކަނބުލޭގެއަށް ބަލައިފިނަމަ އޭނާގެ ރިވެރިކަމާ އަޚްލާޤު ރަނގަޅުކަމުން ފިރިމީހާ އުފާވާނެއެވެ. އަދި އެކަނބުލޭގެއަށް އަމުރު ކޮށްފިއްޔާ ފިރިމީހާއަށް ކިޔަމަންވާނެއެވެ. އަދި ފިރިމީހާ އެކަނބުލޭ ކިބައިން ޣައިބުވެއްޖެއްޔާ ފިރިމީހާގެ ކަންތައް ރައްކާތެރިކޮށް ދޭނެ އެވެ.” މި އެވެ.

މިފަދަ އަނބިންނަކީ އަނބިންގެ ޖަވާހިރެވެ.

އިސްވެދިޔަ އާޔަތާއި ޙަދީޘުން ސާބިތުވާ ގޮތުގައި ފިރިމީހާގެ އަބުރާ އޭނާގެ ހުރިހާ ސިއްރުތައް އެކަންކަމަށް އަމާނާތް ތެރިވުމީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބެންވާ ޙައްޤެކެވެ. އެކަމާމެދު ކޮންމެ އަންބަކު ވެސް ފަރުވާތެރިވާންވާނެ އެވެ.

މަސްދަރު: ދިސަލަފިއްޔާ