Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

ލިންކް ރޯޑު ހަދަން އާރްޑީސީއާ ހަވާލުކުރުމަކީ އޮޅުވާލުމެއް

އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު / ފޮޓޯ: އައްޑޫސިޓީ ކައުންސިލް

އައްޑޫ ސިޓީގެ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ ސަރުކާރުން ހަވާލުކުރުމަކީ ބޮޑު އޮޅުވާލުމެއް ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ލިންކް ރޯޑް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެ މަގު އަލުން ތަރައްގީ ކުރަން ސަރުކާރުން އާރްޑީސީ އާ ހަވާލުކުރީ މިއަހަރުގެ އެޕްރީލް 8 ގަ އެވެ. ނަމަވެސް މިހާތަނަށް އެ މަސައްކަތް ފަށާފައެއް ނުވެ އެވެ.

ނިޒާރު ވިދާޅުވީ އައްޑޫގެ މަގުތައް ހެދުމުގެ މަޝްއޫގެ ދެވަނަ ފޭސްގެ މަސައްކަތުގައި އައްޑޫ ލިންކްރޯޑް ހިމެނިފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް ލޯންގެ ތެރެއިން ކަމަށެވެ. ލޯނުގެ ބާކީ ފައިސާ ހުރުމާއި އެ ލޯނަށް އިތުރު 570 މިލިއިން ޑޮލަރު އިންޑިއާއިން އިތުރުކޮށްދީފައި ވުމާއި އެކު އައްޑޫގެ މަގުތައް ނިންމުމަށް އިތުރު ބުރައެއް އޮތްކަމަށް ނުދެކޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.

އައްޑޫ ލިންކްރޯޑާއި އެހެނިހެން މަގުތަށް ހެދުމަށް އާރްޑީސީއާ ހަވާލުކުރި ނަމަވެސް އެ ކުންފުންޏަކީ މިފަދަ މަސައްކަތެއް ކުރުމުގެ މާލީ އަދި ފަންނީ ގާބިލްކަން ނެތް ކުންފުންޏެއް ކަމަށް ނިޒާރު ވިދާޅުވި އެވެ.

"މި މަސައްކަތް އާރުޑީސީ އާއި ހަވާލު ކުރުމަކީ ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް. އަދި މަގުތަކުގެ މައްސަލައަށް ހައްލު ނުލިބި އައްޑޫ ސިޓީގެ ރައްޔިތުން މި ދުއްތުރާގައި ދިގު މުއްދަތަކަށް ދެމިތިބެން ޖެހިދާނެ ހާލަތެއް،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވަނީ އައްޑޫގެ މަގުތަކުގެ މަސައްކަތް ހާއްސަކޮށް ލިންކްރޯޑްގެ މަސައްކަތް އަވަސްގޮތަކަށް ކުރިއަށް ގެންދޭވޭނެ ގޮތެއް ހޯދަދިނުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.

ލިންކް ރޯޑުގެ މަޝްރޫއު ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. އަދި އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަސައްކަތުގެ ދަށުން ކުރިއަށް ގެންދާނެ އެވެ. އެގޮތުން 67.58 ކިލޯމީޓަރުގައި ތާރު އަޅާނެ އެވެ.

އެ މަޝްރޫއު ނިންމަން އަމާޒު ހިފާފައި އޮތީ 2028 ގެ ކުރިންނެވެ.

އައްޑޫ ލިންކް ރޯޑަކީ 2003 ގައި ބޭނުން ކުރަން ފެށި މަގެކެވެ. ފާއިތުވި މުއްދަތުގެ ތެރޭގައި އެ މަގު ވަރަށް ބޮޑަށް ހަލާކުވެ، އެކި ފަހަރުމަތިން މަރާމާތުކުރި ނަމަވެސް މަގުގެ ހާލަތު އޮތީ ވަރަށް ދަށްކޮށެވެ.