Last Updated: June 9, 18:41
Tuesday, June 9, 2026
މުނިފޫހިފިލުވުން

ޝާހްރުކަށް އަލަށް ނެޝަނަލް އެވޯޑް

ފިލްމު ކުޅޭތާ 33 އަހަރު ފަހުން ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ޝާހްރުކް ޚާނަށް މުޅިން އަލަށް ނެޝަނަލް އެވޯޑް ކަށަވަރުވެއްޖެ އެވެ.

އިންޑިއާގެ ސަރުކާރުން ދޭ ނެޝަނަލް އެވޯޑް 71 ވަނަ އެޑިޝަންގައި އެވޯޑްތައް ލިބޭ ފަރާތްތައް އިއްޔެ އިއުލާންކޮށްފައިވާ އިރު، ޝާހްރުކަށް އެވޯޑް ލިބެނީ 2023 ގެ ފިލްމު 'ޖަވާން' އިންނެވެ. އޭނަ ޑަބަލް ރޯލެއް ކުޅުނު އެ ފިލްމަކީ އެ އަހަރުގެ އެންމެ ކާމިޔާބު އެެއް ފިލްމެވެ.

ތަމަޅަ ޑައިރެކްޓަރު އެޓްލީ، އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދިން ' ޖަވާން އަކީ 2023 ގައި ރިލީޒްވި ޝާހްރުކްގެ ތިން ފިލްމުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމެވެ. އެ އަހަރު ރިލީޒްވި އޭނަގެ އަނެއް ދެ ފިލްމަކީ ސިދާތު އާނަންދު ޑައިރެކްޓްކުރި 'ޕަތާން' އަދި ރާޖްކުމާރު ހިރާނީ ގެނެސްދިން 'ޑަންކީ' އެވެ.

ފިލްމީ ކެރިއަރަށް 33 އަހަރު ފަހުން ޝާހްރުކް، 59، އަށް ނެޝަނަލް އެވޯޑް އުފުލާލުމުގެ ޝަރަފު ލިބިގެންދާ އިރު، އޭނަ އަކީ ހިންދީ ސިނަމާ އަށް އައިކޮނިކް އެތައް ފިލްމެއް ކުޅެފައިވާ، ބެލުންތެރިން ވަރަށް ލޯބިވާ އެކްޓަރެކެވެ، ފިލްމު 'ދީވާނާ' އިން 1992 ގައި ބޮލީވުޑްގެ ދަތުރު ފަށައިގަތް ޝާހްރުކްގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި 'ބާޒީގާރް'، 'ޑަރް'، 'ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ'، 'ކަރަން އަރުޖުން'، 'ދިލް ތޯ ޕާގަލް ހޭ'، 'ކުޗް ކުޗް ހޯތާ ހޭ'، 'ކަބީ ހުޝީ ކަބީ ޢަމް'، 'ދޭވްދާސް'، 'މައި ނޭމް އިޒް ޚާން' އަދި 'ވީރު-ޒާރާ' ގެ އިތުރުން 'ޖަބް ތަކް ހެ ޖާން' ހިމެނެ އެވެ.

މިފަދަ ފިލްމުތައް ކުޅެގެން ޝާހްރުކަށް ޕޮޕިއުލާ އެތައް އެވޯޑެއް ލިބިފައިވެ އެވެ.

ޝާހްރުކްގެ ކުރިއަށް އަންނަ އަހަރުގެ ފަހުކޮޅު ރިލީޒްކުރާނެ ކަމަށް ބެލެވޭ 'ޕަތާން' ގެ ޑައިރެކްޓަރު ސިދާތު ހަދާ 'ކިންގް' އެވެ.

ޝާހްރުކްގެ އިތުރުން ނެޝަނަލް އެވޯޑް މި އަހަރު އިތުރު އެހެން އެކްޓަރަކަށް ވެސް ކަށަވަރުވެފައިވެ އެވެ. އެއީ 'ޓުވެލްތު ފެއިލް' އިން މޮޅު އެކްޓިންއެއް ދެއްކި ވިކްރާންތު މަސީ އެވެ.

މި އަހަރު ނެޝަނަލް އެވޯޑް ލިބޭ ބަތަލާ އަކީ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ އެވެ. އޭނަ އަށް އެވޯޑް ލިބެނީ 2023 ގެ މިިސިޒް ޗެޓަޖީ ވާސަސް ނޯވޭ' އިންނެވެ. މިއީ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރާނީ އަށް ވެސް ނެޝަނަލް އެވޯޑް ލިބޭ ފުރަތަމަ ފަހަރެވެ.