Last Updated: August 20, 20:49
Wednesday, August 20, 2025
ޚަބަރު

ދެވަނަ ކުއާޓަރުގައި އެމްޓީސީސީ އަށް 400 މިލިއަން ރުފިޔާ

އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީ އަށް 490.33 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

އެ ކުންފުނިން އާންމުކުރި "ކުއާޓަލީ ރިޕޯޓް 2، 2025" އިން ދައްކާ ގޮތުގައި ދެވަނަ ކުއާޓަރުގައި އޮޕަރޭޓިން ފައިދާއަކީ 49.76 ރުފިޔާއެވެ. އަދި ޓެކްސްއަށް ނުކަނޑައި ކުންފުންޏަށް ލިބުނު ފައިދާ އަކީ 32.92 މިލިއަން ރުފިޔާ އެވެ.

ދެވަނަ ކުއާޓަރުގައި އެމްޓީސީސީން ނުވަ މަޝްރޫއެއް ނިންމާފައިވާ އިރު، މަޝްރޫއުތަކުގެ އަގު 593.03 މިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި ދެވަނަ ކުއާޓަރުގައި 64 މަޝްރޫއުގެ މަސައްކަތް ފަށާފައިވެ އެވެ.

ދެވަނަ ކުއާޓަރުގައި ނިންމި މަޝްރޫއުތައް:

* ނ. މާފަރު އެއާޕޯޓުގެ ޑިޒައިނާއި އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު
* ރ. އުނގޫފާރު މަގުތައް ޑިޒައިން ކުރުމާއި ތަރައްގީކުރުމުގެ މަޝްރޫއު
* ކ. ފުނަދޫގެ ކޯސްޓަލް ރިޕެއާ މަޝްރޫއު
* މ. މުލި އެއާޕޯޓް ޑިޒައިން ކުރުމާއި އިމާރަތްކުރުމުގެ މަޝްރޫއު
* ފ. އެފްސީއެސްސީގެ ޗިލްޑްރެންސް ހޯމް އާއި ވަށައި ފާރުގެ ހެދުމުގެ މަޝްރޫއު
* ގއ. މާމެންދޫ އެމެޖެންސީ އެންޑް ޝޯ ޕްރޮޓެކްޝަން ސްޓްރަކްޗާގެ މަޝްރޫއު

ދެވަނަ ކުއާޓަރުގައި އެމްޓީސީސީން 35 މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރި އިރު އެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 1.42 ބިލިއަން ރުފިޔާ އެވެ.

ރިޕޯޓުގައިވާ ގޮތުން އެމްޓީސީސީގެ މުވައްޒަފުންގެ ގޮތުގައި ޖުމްލަ 4،130 މީހުން މަސައްކަތް ކުރެ އެވެ.. އޭގެ ތެރޭގައި ހިމެނެނީ 2.463 ދިވެހިންނާއި 1،661 ބިދޭސީންނެވެ.

އެމްޓީސީސީ އަކީ ބިންހިއްކުމާއި ބަނދަރުތައް ހެދުމާއި އެއާޕޯޓްތައް ތަރައްގީ ކުރުމާއި ދަތުރުފަތުރުގެ ހިދުމަތާއި އުމްރާނީ އެހެނިހެން ބޮޑެތި މަޝްރޫއުތައް ވެސް ހިންގަމުން އަންނަ ކުންފުންޏެކެވެ.