ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ އަށް މިހާރު ރައްޔިތުންގެ ތާއީދެއް ނެތްކަން އިއްޔެ ވެސް ސާބިތުވެއްޖެ ކަމަށް ވެރިކަން ކުރާ ޕާޓީ އަށް ނިސްބަތްވާ ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހުޅުމާލޭގައި އިއްޔެ ހަވީރު ބޭއްވި 'ރަން ރީނދޫ' ދުވުމަށް އިޝާރާތް ކުރައްވައި ޝުޖާއު ސޯޝަލް މީޑިއާގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ވާދަވެރި ސިޔާސީ ޕާޓީގެ ހަރަކާތް ހިންގުމަށް ތައްމިނަށް ފުރުސަތު ފަހިކޮށް ދެއްވަމުން ކަމަށެވެ.
އެގޮތުން އެމްޑީޕީގެ އިއްޔެގެ ހަރަކާތަށް ދިން ފުރުސަތުން ފެނުނީ އެ ޕާޓީ އަށް ރައްޔިތުން ތާއީދު ނެތްކަން ކަމަށް ވިދާޅުވި އެވެ.
"ބުނިތާކުން،ބުނި ވަގުތަކު ފުރުޞަތު ވަނީ ފަހިކޮށް ދީފައި. އެމްޑީޕީގެ މިއަދުގެ ހިނގާލުމަށް ރައްޔިތުންގެ ތަރުހީބު ނެތުމަކީ އަޅުގަނޑުމެންގެ މައްސަލައެއް ނޫން." ޝުޖާއު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އެމްޑީޕީ އަށް ވަނީ ރައްޔިތުންގެ ތާއީދު ގެއްލެނީ އެ ޕާޓީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ގައުމަށް ޣައްދާރުވެ، ރައްޔިތުންގެ ބައިތުލްމާލުގައި އެއްކޮށްފައިވާ ފައިސާކޮޅަށް އަތްބާނައި، އެ ފައިސާކޮޅު ގާތް މީހުންނަށް ބަހާ ހުސްކުރާތީ ކަމަށެވެ. އަދި އެއިން ކޮންމެ ފަހަރަކު އެ ބޭފުޅުން ގައުމު ހަމަޔަކަށް އަޅުވަން ވަރަށް ބުރަ މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.