އަންނަ އަހަރު ޝޫޓިން ފަށާނެ ކަމަށް ބެލެވޭ 'ޖޭމްސް ބޮންޑް' ފިލްމު ސީރީޒްގެ 26 ވަނަ ފިލްމު ލިޔަން ހަވާލުކޮށްފި އެވެ.
އެ ފިލްމު އުފައްދާ އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސް އިން ބުނީ އާ ފިލްމުގެ ސްކްރީން ރައިޓަކީ އިނގިރޭސިވިލާތުގެ ސްޓީވެން ނައިޓް ކަމަށެވެ. އޭނަ އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދީ ސީރީޒް "ޕީކީ ބްލައިންޑާސް" ގެ މޭސްތިރިޔާ އެވެ. ސްޓީވެންގެ ސްކްރީންޕްލޭތަކަށް ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި 'ހަމިންބާޑް' އާއި 'ދަ ހަންޑްރެޑް ފުޓް ޖާނީ' އާއި 'ބާންޓް' ގެ އިތުރުން 'ދަ ގާލް އިން ދަ ސްޕައިޑާސް ވެބް' އަދި 'ސްޕެންސާ' ހިމެނެ އެވެ.
ސްޓީވެންގެ ސްކްރީންްލޭއަކަށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު 'މަރާޔާ' އެވެ.
ޖޭމްސް ބޮންޑްގެ 26 ވަނަ ފިލްމު ލިޔަން ފުރުސަތު ލިބުމާ ގުޅިގެން ކުޅަދާނަ ސްކްރީން ރައިޓަރު ބުނީ މިއީ އޭނަގެ ބަކެޓްލިސްޓް ހިމަނާފައި އޮތް ކަމެއް ހާސިލުވުން ކަމަށެވެ. އެހެންވެ ލިބުނު ފުރުސަތާ މެދު ވަރަށް ވެސް އުފާވާ ކަމަށް ބުންޏެވެ.
"އަހަންނަކީ ބޮންޑްގެ ވަރަށް ބޮޑު ފޭނެއް. އެހެންވެ އޭގެ ފިލްމެއް ލިޔަން ލިބުމަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ކާމިޔާބީއެއް." ސްޓީވެން ބުންޏެވެ.
އޭނަ ބުނީ ބޮންޑްގެ އާ ފިލްމަކީ ކުރީގެ ފިލްމުތަކުގެ ރަހަތައް ނުގެއްލޭ ގޮތަށް އެކަމަކު ވަރަށް ތަފާތު ގޮތަކަށް ލިޔާނެ އެއްޗެއް ކަމަށެވެ.
"ދޭނެ ޔަގީންމަކީ ބޮންޑްގެ ފިލްމުތަކުގައި އެކުލެވޭ ހުރިހާ ރަހައެއް އަހަރެންގެ ސްކްރީންްލޭގައި ވެސް ހުންނާނެކަން. ވަރަށް ބޮޑަށް މަސައްކަތް ކުރާނަން ވަރަށް ވެސް ޝައުހުވެރި، ފުރިހަމަ އަދި ވަރުގަދަ އެއްޗެއް ލިޔަން،" ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ސްޓީވެން ބުންޏެވެ. "އެ މަސައްކަތް ފަށައިގަންނަން ކެތްމަދުވެފައި މިހާރު މި ހުރީ."
މުޅިން އާ ތަރިއަކާ އެކު ހަދަން ނިންމާފައިވާ ބޮންޑްގެ 26 ވަނަ ފިލްމު ޑައިރެކްޓްކުރަން އެމެޒޯން އެމްޖީއެމުން ހަވާލުކޮށްފައި ވަނީ "ޑޫން" ގެ ތިން ވަނަ ބައި އަންނަ އަހަރު ގެނެސްދޭން މަސަައްކަތް ކުރަމުން އަންނަ ޑެނިސް ވިލެނޯވްއާ އެވެ.
ބޮންޑްގެ އެންމެ ފަހުގެ ފިލްމަކީ ޑެނިއަލް ކްރެއިގް އެ ރޯލަށް އަލްވަދާއު ކިއި 2021 ގެ 'ނޯ ޓައިމް ޓު ޑައި' އެވެ. އެ ފިލްމު ލިޔެ، ޑައިރެކްޓްކުރީ ކެރީ ޖޯޖީ ފުކްނާގާ އެވެ. އޭނައާ އެކު ފިލްމުގެ ސްކްރީންޕްލޭގައި ނީލް ޕުރްވިސް އާއި ރޮބަޓް ވޭޑްގެ އިތުރުން ފޮއޭބީ ވެލާ-ބްރިޖް ހިއްސާވެފައިވެ އެވެ.