ދިވެހި މަހުގެ އުފެއްދުންތައް ވިއްކާ އައުޓްލެޓެއް ސްރީ ލަންކާގައި ހުޅުވުމުގެ ވިސްނުން ހުރި ކަމަށް އެ ގައުމަށް ރާއްޖެ އިން ކަ ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވިދާޅުވީ ދިވެހި މަހަށް ލަންކާގައި ވަރަށް ޑިމާންޑެއް އޮންނަ ކަމަށާއި އެ ގައުމަކީ ވަރަށް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ގައުމަކަށްވާތީ މިފްކޯގެ އުފެއްދުންތަކަށް ހާއްސަ އައުޓްލެޓެއް ލަންކާގައި ހުޅުވަން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
"އެ ބޭފުޅުން ހުށަހަޅުއްވާފައި އެބައޮތް އެކޮޅުގައި، ފެކްޓަރީ ހަދައިގެން ދިވެހިން އޮޕަރޭޓް ކުރާ ގޮތަށް ވެސް. މިފްކޯ ވެސް އެބަ ވިސްނަވާ ސްރީ ލަންކާގައި ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވާފައި ޝޯވް ރޫމެއް ވެސް ހުޅުވާ ހަދަން،" އިމާދު ވިދާޅުވި އެވެ. "އެބޭފުޅުން ބޭނުންވާ ބައެއް މައުލޫމާތު ހޯއްދަވައިގެން ވަޑައިގަންނަވާ ގޮތަކަށް އޮތީ. ލަންކާގެ މާކެޓް ވަރަށް ބޮޑުވާނެ ދިވެހި މަހަށް."
މިފްކޯ އަކީ ދިވެހި މަހަށް ވެލިއު އެޑެޑްކޮށްގެން ވިއްކަމުން އަންނަ ސަރުކާރުގެ ކުންފުންޏެކެވެ. އެ ކުންފުނީގެ ހަތަރު އައުޓްލެޓެއް ވެރިރަށް މާލޭގައި މިހާރު އަންނަނީ ހިންގަމުންނެވެ. ހަތަރު ވަނަ އައުޓްލެޓް އިއްޔެ ހުޅުވީ ނޯތު ހާބަރު ސަރަހައްދުގަަ އެވެ.