Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުން ހުވާކުރުން މާދަމާ ރޭ

ހައިކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުން ހުއްޓުވަން އެދިފައިވަނިކޮށް، އަލަށް އައްޔަންކުރާ ފަނޑިޔާރުން މާދަމާ ހުވާކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ހައިކޯޓުގެ ފަނޑިޔާރުން ހުވާކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30 ގަ އެވެ.

ހައިކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް 17 ފަރާތަކުން ކުރިމަތިލި އެވެ. ޖޭއެސްސީން ނިންމީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް މި ފަހަކާ ޖެހެންދެން ހުންނެވި މުހައްމަދު ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އެ ދެ މަގާމަށް އައްޔަން ކުރުމަށެވެ.

މީގެތެރެއިން ޝަހީދަކީ ޕީޕީއެމް ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި ވެސް އަމަލީގޮތުން ބައިވެރިވެފައިވާ ފަރާތެކެވެ.

ޝަހީދު އެ މަގާމަށް އައްޔަންކުރުން ހުއްޓުވުމަށް ސިވިލް ކޯޓަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ މައްސަލައެއް ވައްދާފަ އެވެ. ކޯޓަށް މައްސަލަ ހުށަހެޅީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދުއާ އެކު ކުރިމަތިލެއްވި ވަކީލް އަހުމަދު ނައުޝާދެވެ.

ނައުޝާދު ކޯޓަށް ހުށަހެޅި މައްސަަލައިގައި ވަނީ ޝަހީދު ސިޔާސީ ކަންކަމުގައި އުޅުއްވާފައިވާތީ އޭނާގެ ނަޒާހަތްތެރިކަމާ ދޭތެރޭ ސުވާލު އުފެދޭ ކަމަށް ބުނެފަ އެވެ. އަދި ޝަހީދަށް ވުރެ ގާބިލް ބޭފުޅުން ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައި ވަނިކޮށް އަމިއްލަ ކުންފުންޏެއްގެ ވަކީލެއްގެ ގޮތުގައި އުޅުއްވި ބޭފުޅަކު ފަނޑިޔާރު ކަމަށް އައްޔަންކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ.

އެ މައްސަލައިގައި ވަނީ ކޯޓަށް ހުށަހެޅި މައްސަލަ ނިމެންދެން ޝަހީދު އެ މަގާމަށް އައްޔަންކުރުން ހުއްޓުވުމުގެ އަމުރަކަށް އެދިފަ އެވެ.