ހަކުރު ބައްޔަށް މައުލޫމާތު ދިނުމާއި ސްކްރީނިން ޕްރޮގްރާމެއް ހެލްތު މިނިސްޓްރީގައި ކުރިއަށް ގެންގޮސްފި އެވެ.
ހެލްތު މިނިސްޓްރީގެ މުވައްޒަފުންނަށް ޚާއްސަކޮށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ނަގައިދިނީ ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.
ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގައި ހަކުރު ޗެކްކުރުމާއި ބްލަޑް ޕްރެޝަރު ބެލުމާއި އިސްކޮޅު އަދި ބަރުދަން ބެލުން ހިމެނެ އެވެ. އަދި ހަކުރުބައްޔާ ގުޅޭ އެކި މައުލޫމާތު ހިއްސާކޮށްފައިވާއިރު، ބަލީގެ އަލާމާތްތަކާއި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން އަދި ބައްޔަށް ފަރުވާކުރަމުން އަންނަ އިރު، މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތައް ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.
ހަކުރު ބައްޔަކީ ހަށިގަނޑުގައި، ނުވަތަ ލޭގައި ގުލްކޯޒް ހުންނަންޖެހޭ މިންވަރަށްވުރެ އިތުރުވުމުންޖެހޭ ބައްޔެކެވެ. ހަކުރު ބަލި ޖެހެނީ ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ އިންސިއުލިން ހަށިގަނޑުގައި އުފައްދާ މިންވަރު މަދުވުމުން ނުވަތަ އެ އިންސިއުލިން މަސައްކަތް ނުކުރުމުންނެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ހަކުރުގެ މިންވަރު އިތުރުވެ އެވެ.
ހަކުރު ބަލި ހުންނަ މީހަކު އާއިލާގައި ހުންނަ ނަމަ އެބަލި އާއިލާގެ އެހެން މީހުންނަށް ޖެހުމުގެ ފުރުޞަތު ބޮޑެވެ. ހަކުރު ބަލި ގިނައިން ފެންނަނީ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ނަމަވެސް ޒުވާނުންނާއި ކުޑަކުދިންނަށްވެސް މި ބަލި ޖެހުމުގެ ފުރުޞަތު އޮވެ އެވެ.
ހަކުރު ބައްޔަށް މަގުފަހިވާ ކަންކަމުގެ ތެރޭގައި މާބޮޑަށް ހަށިގަނޑު ބަރުވުން ނުވަތަ ފަލަވުންވެސް ހިމެނެ އެވެ. އަދި ދިރިއުޅުމުގެ އާދަތައް ހުންނަގޮތުންވެސް މި ބައްޔަށް މަގުފަހިވެ އެވެ. އެގޮތުން މާގިނައިން ކެއުމާއި، ހެލިފެލިވެ ނުއުޅުމާއި، މާގިނައިން ފިކުރުބޮޑުވެ ހާސްވެ ކަންބޮޑުވުމާއި، ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުމަކީވެސް ހަކުރު ބަލިޖެހުމަށް މަގުފަހިވާ ކަންކަމެވެ.