Last Updated: July 12, 21:01
Sunday, July 12, 2026
ޚަބަރު

އުއްތަމަފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން ލަފާ ދެނީ

ހުސްވެފައިވާ އުއްތަމަފަނޑިޔާރަކަށް، ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޢަބްދުލްޣަނީ މުހައްމަދު އައްޔަން ކުރަން ލަފާދޭން ޖޭއެސްސީން ނިންމައިފި އެވެ.

އުއްތަމަފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނާ ޖޭއެސްސީން މިއަދު ވަނީ އިންޓަވިއުކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީން މިއަދު ކުރި އިންޓަވިއުއަށް ފަހު ނިންމީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޣަނީ އެ މަގާމަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށެވެ.

ޣަނީގެ އިތުރުން އުއްތަމަފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން އުއްތަމަފަނޑިޔާރު އައްޔަން ކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރާ މީހަކު ކަނޑައަޅާނީ ޖޭއެސްސީގެ މަޝްވަރާގެ މަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އުއްތަމަފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވުމަށް ހުޅުވާލީ އެ މަގާމުގައި ހުންނެވި އަހްމަދު މުއުތަސިމް އަދުނާނު ޝަރަފުވެރިކަމާއެކު އެ މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.