ދުޢާ އަކީ އެންމެ މާތް އަޅުކަންތަކުގެ ތެރޭގައި ހިމެނޭ އަޅުކަމެކެވެ. އެއީ އަޅާ އޭނާގެ ވެރި ރައްބަށް އަޅުވެތިވާ އަޅުވެތިވުން ރަމްޒުކޮށްދޭ މަތިވެރި އަޅުކަމެކެވެ. އަދި އަޅާ އޭނާގެ ވެރި އިލާހަށް ބޭނުން ޖެހިފައިވާކަމާއި، އަޅާގެ ނިކަމެތިކަމާއި ފަޤީރުކަން ދައްކުވައިދޭ އަޅުކަމެއް ވެސް މެއެވެ. އެހެންކަމުން ދުޢާ އަކީ ޙަޤީޤީ އަޅުކަމުގެ ގޮތުގައި ނަބިއްޔާ ﷺ ސިފަކުރައްވާފައިވެ އެވެ
ﷲ ތަޢާލާއަށް ދުޢާކުރުމަށް އަމުރުކުރައްވަމުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿ وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ﴾ [غافر: 60].
މާނައީ: އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަން ހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.
އަދި ﷲ ތަޢާލާއަށް ދުޢާކުރުމަށް ވުރެ، ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު އެހެން އަޅުކަމެއް ނުވާ ކަމަށް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެ އެވެ
ﷲ ތަޢާލާގެ ދަރުބާރަށް ދެއަތް އުފުލައި ދުޢާކޮށް ކަންކަމުގައި އެދި ނުދަންނަވާ އަޅުންދެކެ ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވާނެ ކަމަށްވެސް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެ އެވެ.
ދުޢާގެ އަދަބުތައް:
1. ދުޢާކުރާ މީހަކީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާ އެއްކައުވަންތަކުރާ މުވައްޙިދަކަށްވުން.
2. ދުޢާ ކުރުމުގައި ﷲ ތަޢާލާ އަށް އިޚްލާސްތެރިވުން. (އެބަހީ ހަމައެކަނި ﷲ އަށް ދުޢާ ދެންނެވުމާއި، ﷲ ތަޢާލާ ނޫން ފަރާތަކަށް ދުޢާ ނުދެންނެވުން).
3. ދުޢާ ފަށައިގަންނަމުން ﷲ ތަޢާލާއަށް މަދަޙަ އާއި ޘަނާ ދެންނެވުން.
1 [رواه الترمذي وابن ماجه، وصححه الألباني].
2 [رواه أحمد والبخاري، وابن ماجة، والترمذي والحاكم وصححه، ووافقه الذهبي].
3 [رواه الترمذيُّ، وابن ماجةَ، وصححه الحاكم، ووافقه الذهبي، وحسنه الألباني].
4. ނަބިއްޔާގެ މައްޗަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރުން.
5. ﷲ ތަޢާލާ ދުޢާ އިޖާބަކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަމާއި އެކީގައި ދުޢާކުރުން.
6. ދުޢާ އިޖާބަނުވާކަމުގެ މައްޗަށް އަވަސްއަރައި ނުގަތުމާއި، ދުޢާކުރުންމަތީ ދެމިހުރުން.
7. މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، އެދުމާއި، ބިރުވެތިކަމާއެކު، ހިތް ޙާޟިރުކޮށްގެން ދުޢާކުރުން.
8. އަޑު މަޑުކޮށް ދުޢާކުރުން.
9. ޤިބުލައަށް ކުރިމަތިލައިގެން ހުރެ ދުޢާކުރުން.
10. ދެއަތް އުފުލައިގެން ދުޢާ ކުރުން.
11. ވުޟޫމަތީ ހުރެގެން ދުޢާކުރުން.
12. ދުޢާ ކުރުން ތަކްލީފަކަށް ނުހެދުން. (އެބަހީ ވަކި ވަޒަނަކަށް ލަފްޒުތައް އަތުރައިގެން ދުޢާ
ނުކުރުން).
13. ދުޢާކުރުމުގައި ހައްދުފަހަނައަޅައި ނުދިއުން. (މިޘާލަކަށް: ތިމަންނާއަކީ މަލާއިކަތަކު ކަމުގައި ލެއްވުމަށް އެދި ދުޢާކުރުން).
14. ﷲ ތަޢާލާގެ ރިވެތިވެގެންވާ އިސްމުޅުތަކުގެ ޛަރީޢާއިން ދުޢާކުރުން.
15. ދުޢާ ކުރުމުގައި ބަރަކާތްތެރި ވަގުތުތަކާއި ތަންތަނުގައި ދުޢާކުރުން އިތުރުކުރުން.
16. ޘާބިތު ޢަޒުމާއި އެކީ ދުޢާކުރުން.
17. ތިންފަށްކޮށް ދުޢާކުރުން. (އެދޭ ކަމަކަށް ތިން ފަހަރަށް ދުޢާ ތަކުރާރުކުރުން).
18. ޖާމިޢު ދުޢާތައް ކުރުން. (ގިނަ މާނަތަކެއް އެކުލެވޭ ކުރު ޢިބާރާތުން ދުޢާ ކުރުން).
19. މައިންބަފައިންނާއި، އެންމެހައި މުސްލިމު އަޚުންނާއި އުޚްތުންނަށާއި، އިސްލާމީ އުންމަތަށްޓަކައި ދުޢާކުރުން.
ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒްގެ ލިޔުއްވުމެކެވެ.