އައްޑޫގައި ބާއްވަމުން އަންނަ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށްދޭ އަގު 300،000ރ އަށް ބޮޑު ކޮށް މުބާރާތް އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ފެށުމަށް އިއްލާންކޮށްފިއެވެ.
ރޭ ޖެން ހޮޓަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ އަގާއި، ތާރީހް ކަނޑައެޅީ މުބާރާތް އައްޑޫގައި ފާއިތުވި 4 އަހަރު މެދުކެޑުމެއް ނެތި ބާއްވައިދެމުން އަންނަ މަޝްހޫރު ވިޔަފާރިވެރިއާ "އޮންދިގޯ ޕްރައިވެޓް ލިމިޓެޑް"ގެ ސީއީއޯ އަދި މޯލްޑިވްސް ޕޯޓްސް ލިމިޑެޓްގެ ޗެއާމަން މުހައްމަދު ޖުނައިދު (ޖުނާ)އެވެ.
ރޭގެ ރަސްމިއްޔާތުގައި މުބާރާތް ބޭއްވުމުގެ އެންމެހާ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް އައްޑޫގެ ކުޅިވަރަށް ގިނަ ހިދްމަތަތްކެއް ދެމުން އަންނަ ޒުވާނެއް ކަމަށްވާ މުހައްމަދު އަލްޠާފް (އަލްޓީ) އާއި ވަނީ ހަވާލުކޮށްފައެެވެ. އަލްޓީ އަކީ ފާއިތުވި 3 މުބާރާތްވެސް ފުރިހަމަ ކަމާއި އެކު އިންތިޒާމްކޮށްދިން ފަރާތެވެ.
ރޭގެ ރަސްމިއްޔާތުގައި ޖުނާ ވިދާޅުވީ މުބާރާތުގެ އަގު 300،000 ރުފިޔާއަށް ބޮޑު ކުރީ ހެޔޮއެދޭ ފަރާތަކުން ހުށަހެޅި 50،000 ރުފިޔާ އާއި އެކު ކަމަށެވެ.
"މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް އަޅުގަނޑުމެން ދިނީ 250،000ރުފިޔާ، ދެން މިއަހަރު ހެޔޮއެދޭ ފަރާތަކުން ހުށަހެޅި 50،000 ރުފިޔާއާއި އެކު ތިން ލައްކަ އަށް މިބޮޑު ކުރީ"
ރާއްޖޭގެ އެއްވަނަ ޑިވިޝަންގެ ކުޅުންތެރިންނާއި ބިދޭސީ ހުނަރުވެރި ކުޅުންތެރިން ފެނިގެންދާ މި މުބާރާތަށް ޓިމުތަކުން އިންތިޒާރު ކުރަމުން އަންނަ އިރު މިދިޔަ އަހަރު މި މުބާރާތް ކާމިޔާބްކޮށްފައިވަނީ ފޭދޫ ފްރަންޑްސް ކްލަބުންނެވެ.
މިފަހަރުގެ މުބާރާތުގެ ރަނައަޕް ޓީމަށް ހުށަހަޅާފައިވަނީ 100،000ރުފިޔާއެވެ.