ނޯތު ހާބަރު ސަރަހައްދު މަސް މާރުކޭޓާ ހަމައަށް ބޮޑުކޮށްފައިވީ ނަމަވެސް، މަސްމާރުކޭޓު ސަރަހައްދަށް ކައިރިކުރާ މަސް ދޯނިތަކުން ފީއެއް ނުނަގާނެ ކަމަށް އެމްޕީއެލްއިން ބުނެފި އެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ އެމްޕީއެލްގެ ނޯތު ހާބަރުން މިހާރު ނަގަމުންދާ ފީތަކުގެ އިތުރުން އެއްވެސް ފީއެއް ނެގުމަށް ކުންފުނިން ނިންމާފައި ނުވާ ކަމަށާއި ނޯތު ޕޯޓްގެ ސަރަހައްދަށް އިތުރު ކުރެވުނު ސަރަހައްދު ތަރުތީބުކޮށް، އިންތިޒާމް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މި ސަރަހައްދު ތަރުތީބުކުރެވުމުން، މަސް ދޯނި ފަހަރަށް އިތުރު ޖާގަ ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ. އަދި އަތޮޅުތަކަށް މުދާ އުފުލާ އުޅަނދުތަކަށް މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތްތައްވެސް މިހާރަށްވުރެ އަވަހަށް ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، މި ގެނެވޭ ބަދަލުތަކާއެކު މި ސަރަހައްދުގައި ގަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބި، މި ސަރަހައްދު ބެލެހެއްޓުމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މި ބަދަލުގެ ސަބަބުން، މަސްވެރިންނާއި އޮޑިވެރިންނަށް މިހާރަށް ވުރެ އަވަސް، ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ އަރުވާފަ އެވެ.