އުރީދޫ މޯލްޑިވްސްއިން ފުރަތަމަ ފަހަރަށް ރިސޯޓަކާ ސަބްމެރިން ކޭބަލަކުން ކާމިޔާބުކަމާއެކު ގުޅާލައިފި އެވެ.
ސަބްމެރިން ކޭބަލް ގުޅާލެވުނު ރާއްޖޭގެ ފުރަތަމަ ރިސޯޓަކަށް ވެގެންދިޔައީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި އެވެ.
މި ސަބްމެރިން ކޭބަލް، ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، މާފުށި މެދުވެރިކޮށް ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ އެންމެ ޒަމާނީ ޑޭޓާ ސެންޓަރާ ވަނީ ގުޅާލާފަ އެވެ. މި ގުޅުމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީއާއި އިތުރު ކެޕޭސިޓީއާއި ސްޕީޑު ކަށަވަރުވެގެންދާނެ އެވެ.
މިއަދު ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި ބޭއްވުނު ރަސްމިއްޔާތުގައި، މިނިސްޓާ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހީމްއާއި، އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސާ ހާލިދު އަލް ހަމާދީއާއި، ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ޖެނެނަލް މެނޭޖާ ޓީޖޭ ޖައުލަކްގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އިބްރާހީމާއި، މާފުށީ ސިޓީ ކައުންސިލްގެ ރައީސް ހަސަން ސޮލާޙްގެ އިތުރުން އުރީދޫ އާއި ވޯލްޑޯފްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރު އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުނި ކަމަށެވެ.
"ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފްކޮށް، ކުރިއެރުމަށް އާ މަގުތަކެއް ހުޅުވި، ދިވެހީންގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮންމެހެން ބޭނުންތެރި ބަޔަކަށް އުރީދޫއިން ވަނީ ވެފައެވެ." ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަބްމެރިން ކޭބަލް ރިސޯޓަކަށް ގުޅާލުމަކީ، ޑިޖިޓަލް ޑިވައިޑް ނައްތާލައި މުސްތަގުބަލަށް ތައްޔާރުވެފައިވާ ކަނެކްޓިވިޓީއަކުން މުޖުތަމައުތައް ބާރުވެރިކުރުވުމަށް ކުރާ މަސައްކަތުގައި ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އުރީދޫން ބުނެ އެވެ. އޭއައި ޕަވާޑް ފީޗާތަކާއި ޕްރައިވެޓް 5ޖީ އިންފްރާސްޓްރަކްޗާއާއެކު، އެ ރިސޯޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ނެކްސްޓް ޖެނެރޭޝަންގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ.
އުރީދޫ މޯލްޑިވްސް ރާއްޖޭގެ މުއާސަލާތީ ދާއިރާ ކުރިއެރުވުމަށް ފެށީއްސުރެ 20 އަހަރު ފުރުން ފާހަގަކުރާ އިރު، މި މުހިންމު ޕްރޮޖެކްޓްގެ ސަބަބުން އެ ކުންފުނީގެ "ޑިޖިޓަލް މޯލްޑިވްސް" ވިސްނުމަށް ދޭ އަހައްމިއްޔަތުކަން ހާމަވެގެންދެ އެވެ.