އޮޅުހިޔާ ފެސިލިޓީގެ ކަރަންޓީން ބައިގެ ޖާގަ އިތުރުކޮށް، މާލެ ތެރެއިން އިތުރު ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް ފަށައިފި އެވެ.
އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ ބުނީ މޫސުން ގޯސްވުމާއި އެކު، މާލެ ތެރެއިން ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް މެދުކެނޑިަފއި އޮތުންމަށްފަހު އިއްޔެ އަލުން ފަށާފައިވާ ކަމަށެވެ. އެގޮތުން ކަރަންޓީންގައި ތިބި 34 ބުޅަލުގެ ތެރެއިން 19 ބުޅާ، ކޮށިތަކަށް ބަދަލުކޮށްފައިވާ ކަމަށާއި އަދި ޖުމްލަ ފެސިލިޓީއަށް، 75 ބުޅާ ނެގިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އިއްޔެ ހަވީރު މާލޭގެ މެރީ ބްރައުން ސަރަހައްދުންނާއި ރޭ ހުޅުމާލޭގެ އެކި ސަރަހައްދުން ބުޅާތައް ވަނީ ފެސިލިޓީއަށް ނަގާފަ އެވެ. ވިއްސާރަވުމުން މަސައްކަތް ހުއްޓާލިއިރު، ޖުމްލަ 37 ބުޅާ މިއަދު ވަނީ ނަގާފެ އެވެ. މިހާރު ފެސިލިޓީގައި ތިބި ބުޅަލުގެ އަދަދަކީ ޖުމްލަ 112 އެވެ.
މާލޭގެ އެކި ސަރަހައްދުތަކުން ވީއްލިގެން އުޅޭ ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް މިއަދުވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
އޮޅުހިޔާ ފެސިލިޓީ ފަށައިގަނެވުނު އިރު، އެތަނުގެ ކަރަންޓީނު ޖާގައިގައި، ކަރަންޓީނު ކުރެވޭނެ ވަސީލަތެއް ނެތެވެ. އެހެންކަމުން ކޭޖްތައް ތައްޔާރުކޮށް ފުރަތަމަ 15 ބުޅާ ވެއްދި އެވެ. އަދި އޭގެ ފަހުންވެސް އެކި ފަހަރުމަތިން ބުޅާތައް ވަނީ ފެސިލިޓީއަށް ނަގާފަ އެވެ. ކަރަންޓީންގައި ވަކި މުއްދަތެއް ވަންދެން ބުޅާތައް ބައިތިއްބަން ޖެ ހެއެވެ. އެހެންކަމުން އެތަނުގެ ޖާގަ އެކި ފަހަރުމަތިން އިތުރު ކުރަމުން ގޮސް މިހާރު އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭވަރަށް ޖާގަ ވަނީ އިތުރުކޮށްފަ އެވެ.