Last Updated: August 20, 15:54
Wednesday, August 20, 2025
ޚަބަރު

ބީއެމްއެލްގެ ފޭދޫ އޭޓީއެމްގެ ހިދުމަތް މެދުކެނޑިފައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އައްޑޫ ފޭދޫގެ އޭޓީއެމްގެ ހިދުމަތް މެދުކެނޑިފައި ހުންނަތާ ތިން ދުވަސްވެ، އާންމުންގެ ޝަކުވާތައް ބޮޑުވެއްޖެ އެވެ.

ފޭދޫބަނދަރުމަތީގައި ހުންނަ މި އޭޓީއެމްގެ ހިދުމަތް މެދުކެނޑައި ހުރުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ބައެއް މީހުން ބުނީ އެ ޝަކުވާ މަރަދޫފޭދޫގައި ހުންނަ ބީއެމްއެލްގެ ގަން ބްރާންޗަށް ވެސް އެތައް ފަހަރަކު ހުށަހަޅާފައިވާ ކަމަށެވެ. ފޭދޫ އޭޓީއެމަކީ ފައިސާ ނެގުމާއި ޖަމާ ވެސް ކުރެވޭ މެޝިނެކެވެ.

އެ އޭޓީއެމްގެ ހިދުމަތް މެދުކެނޑިފައިވާތީ އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް އޭޓީއެމްގެ ހިދުމަތް މެދުކެނޑި ދިގުލައިގެންދާތީ ވަރަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

"މި މެޝިންގެ ހިދުމަތް މެދުކެނޑުމަކީ ވަރަށް އާންމު ކަމެއް. މީގެ ސަބަބުން ވަރަށް ބޮޑު ތަކުލީފެއް އެބަ ޖެހޭ އުފުލަން." ބީއެމްއެލްގެ ކަސްޓަމަރަކު ބުންޏެވެ.

ފޭދޫ އޭޓީއެމްގެ ހިދުމަތް މެދުކެނޑިފައިވާތީ ދެން ދާން ޖެހެނީ މަރަދޫފޭދު އަށް ނުވަތަ ގަމުގައި ހުންނަ އޭޓީއެމަށެވެ.

ފޭދޫގައި ބީއެމްއެލްގެ އޭޓީއެމެއްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ އޭޓީއެމެއް ވެސް ހުރެ އެވެ.

މި ތިން އޭޓީއެމް ވެސް ހުންނަނީ ބަނދަރު ސަރަހައްދުގައި ހުންނަ ފޭދޫ އަވަށު އޮފީސް ކައިރީގަ އެވެ.