އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، ރަޖްނީކާންތުގެެ އާ ފިލްމު 'ކޫލީ' ގެ ޓްރެއިލާ ދައްކާލައި، މި މަހުގެ 14 ގައި މި ފިލްމު ސިނަމާތަކަށް ގެންނަން ތައްޔާރުވެއްޖެ އެވެ.
ހިންދީ ބަހުން ވެސް ޑަބްކޮށްގެން ގެނެސްދޭ މި ތަމަޅަ ފިލްމަށް ވަރަށް ގިނަ ބަޔަކު އިންތިޒާކުރަމުން އަންނަ އިރު، މިއަށް ބޮލީވުޑުން އިންތިޒާރުކުރާ މައިގަނޑު ސަބަބަކީ ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން އާމިރު ޚާން ފެނިގެން ދިއުމެވެ.
'ކޫލީ' ގެ ހިންދީ ޓްރެއިލާ އިން ވެސް އާމިރު ދައްކާލާލައިފި އެވެ.
މި އެކްޝަން ތުރިލާ އަކީ ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރު ލޮކޭޝް ކަނަގަރާޖްގެ ފިލްމެކެވެ. 'ކޫލީ' ގެ ކެމިއޯއެއްގައި އާމިރު ހިއްސާވާ އިރު، ލޮކޭޝް އަންނަ އަހަރު ހަދަން ނިންމާފައިވާ ސުޕަހޯރީ ފިލްމުގެ ބަތަލަކީ ވެސް އާމިރެވެ.
'ކޫލީ' ގެ ކާސްޓްގައި ނާގުރްޖުނާ އަކިނޭނީ، ސަތިއާރާޖް، ޝްރޫތީ ހަސަން، ސޯބިން ޝާހިރު، ރަޖިތާ ރާމް އަދި ޖޫނިއާ އެމްޖިއާރް ފަދަ ތަރިން ހިމެނެ އެވެ.
މިހާރު އުމުރުން 74 އަހަރުގެ ރަޖްނީކާންތު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި އެކްޝަން ޑްރާމާ 'ވެއްޓައިޔަން' އިންނެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި 2023 ގެ 'ޖެއިލާ' ގެ ސީކްއެލް ހިމެނެ އެވެ.