Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ދުންފަތް ވިއްކުމުގެ ހުއްދަ 209 ފަރާތަކަށް ދީފި

ދުންފަތުގެ އުފެއްދުންތައް ވިއްކުމަށް މިހާތަނަށް 200 އަށް ވުރެ ގިނަ ފަރާތަށް ހުއްދަ ދޫކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވައިދުގެ ދަށުން ދޫކުރާ ލައިސަންސް ހޯދުމަށް މިދިޔަ އޭޕްރީލް މަހުގެ 17 އެޕްރީލް ވަނަ ދުވަހުުގެ ނިޔަލަށް 767 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށާއި 652 އެޕްލިކޭޝަން ވެރިފައިކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ތެރޭގައި ހިމެނެނީ ޓޮބޭކޯ ވެންޑަ ލައިސަންސަށް އެދި ހުށަހެޅި 608 އެޕްލިކޭޝަނާއި، ޓޮބޭކޯ ނިއު ޕްރޮޑަކްޓް ރެޖިސްޓްރޭޝަނަށް ހުށަހެޅި 15 އެޕްލިކޭޝަނާ،އި ޓޮބޭކޯ އިމްޕޯޓް ލައިސަންސް ހޯދަން އެދި ހުށަހެޅި 28 އެޕްލިކޭޝަނެވެ.

މީގެ އިތުރުން ޓޮބޭކޯ ރީއެކްސްޕޯޓް ލައިސަންސަށް އެއް އެޕްލިކޭޝަން ވެރިފައިކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެތަނުން ބުނީ ޝަރުތު ފުރިހަމަ ނުވާތީ 243 އެޕްލިކޭޝަން ކެންސަލްކޮށްފައިވާ އިރު، އިސްލާހު ކުރަން ޖެހޭ ބައެއް ކަންކަން ހުރުމުން 177 އެޕްލިކޭޝަނަކަށް ހުއްދަ ނުދީ މި ވަގުތު ހިފަހައްޓާފައިވާ ކަމަށެވެ. އަދި ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ 209 ފަރާތަކަށް މިހާތަނަށް ދީފައިވާ ކަމަށް ބުންޏެވެ.

ދުންފަތުގެ އުފެއްދުންތައް ވިއްކާ ނަމަ ލައިސަންސް ނަގަން ޖެހޭ ގޮތައް ގާނޫނު އިސްލާހުކޮށް އަމަލުކުރަން ފެށީ މި އަހަރުގެ ޖެނުއަރީ 15 އިން ފެށިގެންނެވެ. އަދި ދުންފަތުގެ ބާވަތްތައް ރާއްޖެ އަށް އެތެރެކުރާ އިރު، އިންޒާރުގެ ލޭބަލް ޖަހައިގެން އެތެރެ ކުރަން ވެސް ލާޒިމުކޮށްފައިވެ އެވެ. އެ އުސޫލަށް އަމަލު ކުރަން ފަށަން ނިންމާފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ 28 އިން ފެށިގެންނެވެ.

ދުންފަތާ ގާނޫނަށް އިސްލާހުތަކެއް މި ސަރުކާރުން ގެނައީ ދުންފަތާ އާންމުން ދުރުކޮށް، ދުޅަހެޔޮ ޖީލެއް ބިނާކުރަން މަގުފަހި ކުރުމުގެ ގޮތުންނެވެ.