ސޮއިކޮށް މިހާރު މަސައްކަތް ފަށާފައި ހުރި ފިލްމުތަކުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމާލައި ބްރޭކަކަށް ދާން ބޭނުންވާ ކަމަށް ހޮލީވުޑްގެ މަޝްހޫރު ޒުވާން އެކްޓަރު ޓޮމް ހޮލަންޑް ބުނެފި އެވެ.
'ސްޕައިޑަމޭން' ގެ ރޯލު މިހާރު ކުޅެމުން އަންނަ 29 އަހަރުގެ އެކްޓަރު ވަރުގަދަ ދެ ފިލްމެއް އަންނަ އަހަރަށް ޕްލޭންކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އެކްޝަން ފެންޓަސީ 'ދި އޮޑިސީ' އެވެ. އަނެއް ފިލްމަކީ ހޮލަންޑް ސްޕައިޑަމޭންގެ ރޯލު ކުޅޭ ހަތަރު ވަނަ ފިލްމު 'ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ' އެވެ.
މި ދެ ފިލްމު ވެސް ސިނަމާތަކަށް ގެންނަން ތާވަލުކޮށް އޮތީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
މިހާތަނަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ހޮލަންޑް 'ބްރިޓިޝް ޖީކިއު' މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި ބުނީ 2027 އެއްކޮށް ކަހަލަ ގޮތަކަށް ބްރޭކަކަށް ދާން ބޭނުންވާ ކަމަށެވެ. އޭނަ ބުނ ކުރާ މަސައްކަތުގެ ފެންވަރު ވެސް ރަނގަޅު ކުރުމަށްޓަކައި ބްރޭކެއް ވަރަށް މުހިއްމު ކަމަށެވެ.
"އަހަރެން ފިލްމީ މަސައްކަތްތައް ކުރަމުން މި އަންނަނީ އުމުރުން އެގާރަ އަހަރުން ފެށިގެން. އުފާވާ ކަމަކީ މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ދޭތެރޭ ވެސް ވަރަށް ހިތްހަމަޖެހޭކަން." ޑިމާންޑް ބޮޑު އެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ހޮލަންޑް ބުންޏެވެ.
އޭނަ ބުނީ އަމިއްލަ ކެރިއަރު މިހާރު އޮތް ހިސާބަށް ބަލާ އިރު، ބްރޭކެއް ނެގުމަކުން ވާނެ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ. އެހެންވެ އެކްޓިންއާ ދުވަސްކޮޅަކަށް ދުރުވުމަށް ފަހު، އަލުން އަނެއްކާ ވެސް އާ ރޫހަކާއި އާ ޖޯޝަކާއި ހިތްވަރާ އެކު އެނބުރި އައިސް މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.
މަޝްހޫރު ޒުވާން ބަތަލާ ޒެންޑާޔާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ހޮލަންޑްގެ އަންނަ އަހަރުގެ "އޮޑިސީ" އަކީ ދެ ތަރިން އެކީގައި ވެސް އަލުން ފެންނާނެ ފިލްމެކެވެ. ހޮލަންޑާއި ޒެންޑާޔާގެ ކައިވެނީގެ ވާހަކަތަކެއް ވެސް މި ފަހުން ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ.