މަސްދޯނިތަކުގައި މަސައްކަތްކުރާ މީހުންނަށް ހާއްސަކޮށްގެން ފަށާފައި އޮތް ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން މި އަހަރުގެ ތެރޭގައި އޭގެ އިތުރު ބެޗެއް ފަށަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ނަމަވެސް އެ ބެޗާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި 56 މީހަކު ތަމްރީނުކޮށްފައިވެ އެވެ. އެއީ ގއ. ކޮލަމާފުއްޓާއި އެ އަތޮޅު ވިލިނގިއްޔާއި ނިލަންދު އާއި ދާންދު އާއި ދެއްވަދުގެ އިތުރުން ގދ.މަޑަވެެއްޔާއި އައްޑޫ މަރަދޫންނެވެ.
މަސްވެރިކަމުގައި އެންދެމުމަށް ޑައިވްކުރާއިރު ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މަސްވެރިންގެ ފުރާނައާއި ރައްކާތެރިކަމަށް އިތުރު ކަށަވަރުކަމެއް ގެނެސްދޭނެ ޕްރޮގްރާމެއް ކަމުގައި ބެލެވެއެވެ.
ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ މަގުސަދަކީ މަސްވެރިކަމުގައި ޑައިވްކުރުމަކީ ނުރައްކާތެރި ކަމަކަށްވެފައި، ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ހުރުމަކީ ކޮންމެހެން މުހިންމު ކަމަކަށްވާތީ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އެގޮތުން މަސްވެރިކަމުގައި އެންދެމުމަށް ޑައިވްކުރާއިރު ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މަސްވެރިންގެ ފުރާނަ އާއި ރައްކާތެރިކަމަށް އިތުރު ކަށަވަރުކަމެއް ގެނެސްދޭނެ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.