Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އަނެއްކާ ވެސް ދޯންޏެއް ފަރަކަށް އަރައިފި

އަނެއްކާ ވެސް ދޯންޏެއް ފަރަކަށް އަރައި އޭގައި ތިބި މީހުން ހާލުގައި ޖެހުމުން ސަލާމަތްކޮށްފި އެވެ.

މިއަދު ފަތިހު ފަރަށް އެރފީ މާލެއިން ފުރައިގެން ތ. ވޭމަންޑު އަށް އަށް ދަތުރުކުރި "އަލްމަޖްރާ" ދޯންޏެެ. އެ ދޯނި މ. ދިއްގަރު ކައިރިން ފަރަށް އަރައި ދިޔަވެ، އަޑިއަށްދާކަމުގެ މައުލޫމާތު ލިބުނީ ފަތިހު 5:34 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެ ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި ތިން މީހުން ހާލުގައި ޖެހިފައި ފަރުމަތީގައި ތިއްބައި ފެނިފައިވާ ކަމަށާއި އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި ފެލިދު އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ

އެއީ ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހެކެވެ. ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

ފަރަށް އެރި ދޯނި އަޑިއަށް ގޮސްފައިވާ އިރު، އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލަ އާއި އެބާވަތުގެ ގިނަ ސާމާނު ހުއްޓެވެ. އަދި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.

އިއްޔެ ރޭ ފަރަށް އެރީ މަނަފަރު ރިސޯޓުން ކުނި ބަރުކޮށްގެން ކ. ތިލަފުށްޓަށް ދަތުުރުކުރަމުން "ގުރުވަ 1" ނަމަކަށް ކިޔާ ދޯންޏެކެވެ. އޭގައި ވެސް ތިން މީހުން ތިއްބެވެ. އެމްއެންޑީއެފަށް އެ ހާދިސާގެ މައުލޫމާތު ލިބުނުން ދޯނި ފަރަށް އެރި ސަރަހައްދަށް ގޮސް އޭގައި ތިބި މީހުން އިއްޔެ ހެނދުނު ނ. ހޮޅުދު އަށް ގެންގޮސްފައިވެ އެވެ.