Last Updated: August 20, 15:54
Wednesday, August 20, 2025
ޚަބަރު

ޝަހީދު އަމިއްލަ އަށް ނަން ނަގައިފި

ހައި ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަންކުރި ޝަހީދު.

ކޯޓަށް މައްސަލައެއް ވެއްދުމާއި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ހައި ކޯޓްގެ ފަނޑިޔާރު ކަަމަށް އައްޔަން ކުރަން ނިންމި މުހައްމަދު ޝަހީދު އަމިއްލަ އަށް ނަން ނަގައިފި އެވެ.

އެކަމަށް އެދި އޭނަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ މިއަދު ހެނދުނު އެވެ. ޝަހީދުގެ ނަން ނަގަން ހުށަހެޅި އިރު، އޭނަ ހައި ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި މިދިޔަ ބުރާސްފަތީގައި ސިވިލް ކޯޓަށް ހުށަހެޅުއްވީ މައްސަލަ ކޯޓުން އޮތީ މިއަދު ބަލައިގެންފަ އެވެ.

އެ މައްސަލަ ހުށަހެޅުއްވީ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ޕްރޮސިކިއުޓާ ޖެނެެރަލް އޮފީހުގެ ވަކީލް އަހުމަދު ނައުޝާދެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ޖޭއެސްސީން ނިންމީ ޝަހީދާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ޖަމީލު އައްޔަން ކުރަން ނިންމީ، ކުރިމަތިލާން ހުޅުވައިލި 18 ބޭފުޅުންގެ ތެރެއިންނެވެ.

އެ ދެ މީހުން ފަނޑިޔާރުން ހުވާ ކުރުމުގެ ރަސްމިއްޔާތު މިރޭ 8:30 ގައި ސުޕްރީމް ކޯޓްގައި ބާއްވަން އޮތީ ތާވަލު ވެސް ކޮށްފަ އެވެ.

ޝަހީދަކީ މިދިޔަ ރިޔާސީ އިންތިހާބު އަދި އޭގެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި ވެސް މިހާރު ވެރިކަން ކުރާ ޕީއެންސީއަށް ކެމްޕެއިން ކުރެއްވި އަދި އުވާލާފައިވާ ކުރީގެ ޕާޓީ، ޕީޕީއެމްގެ ޕޯޑިއަމްތަކުން ވެސް ފެނިފައިވާ ބޭފުޅެކެވެ. އޭނަ އެންމެ ފަހުން ހުންނެވީ ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގަ އެވެ.