އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް ރިސްކް އެންޑް ކޮމްޕަލަޔަންސްގެ ވެރިއަކަށް ބަދަލުކޮށްފި އެވެ.
އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީގެ ހިންގުން ހަރުދަނާކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިން، މާދަމާ އިން ފެށިގެން، ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ހެޑްގެ މަޤާމަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފައިވާ ކަމަށެވެ.
ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ހެޑްގެ މަޤާމުގައި ކުރިން ހުރި އަލްއުސްތާޛް އަބްދު الله އަޝްރަފު، މިދިޔަ ބުދަ ދުވަހު ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސަށް ބަދަލުކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
އެފްއައިޔޫގެ ވެރިޔާގެ މަގާމު ބަދަލުކޮށްފައިމިވަނީ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެފްއައިޔޫ އަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ހަރަދުކުރުމާއި ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ މައުލޫމާތުތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވަން ހަދާފައިވާ އެމްއެމްއޭގެ ޔުނިޓެކެވެ. އެ މަގާމަށް އައްޔަނުކުރުމުގެ ބާރު ލިބިގެން ވަނީ އެމްއެމްއޭގެ ގަވަރުނަރަށެވެ.