ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރު ކުރި ކަމަށް ބުނާ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ތަހުގީގެއްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
މި ރިޕޯޓުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް ވަނީ އެ މަގާމުން ދުރުކޮށް އެ މަގާމަކަށް ބަދަލުކޮށްފަ އެވެ.
މި ރިޕޯޓު ލީކުވުމާ ގުޅިގެން ޝުޖާއު ވިދާޅުވީ އޭނާ ހިއްސާވާ ވިޔަފާރި ކުންފުނި ކަމަށްވާ، އޮފިޝަލް އިވެންޓްސްއާ ގުޅުވާ ސޯޝަލް މީޑިއާގައި ފަތުރަމުން ދަނީ އަސްލެއް ކަމެއް ނުވަތަ ފޭކެއް ކަމެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ސަބަބަކީ އެކަމުގެ އެއްވެސް މައުލޫމާތެއް އެވެސް ރަސްމީ އިދާރާއަކުން އަޅުގަނޑަށް ލިބިފައި ނުވާތީ އެވެ،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވަނީ ސައްހަ ލިޔުމެއް ނަމަ އެއީ އެ މަސައްކަތްތައް ކާމިޔާބު ކުރި ގޮތާއި އެ މަސައްކަތް ކުރި ގޮތް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ނުވަތަ ގަސްދުގަައި ހަގީގަތް އޮޅުވާލައި، އޭނާގެ ކުންފުންޏަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ކުންފުންޏަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން މާތްاللهގެ ވާގިފުޅާއެކު ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. ރައީސް ޔާމީން، ރައީސް ސޯލިހް އަދި ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައިވެސް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން އެކި ޕްރޮޖެކްޓުތައް ވާނީ ކާމިޔާބުކަމާއެކު ހިންގާފަ އެވެ،" އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ މަސައްކަތްތަކުގެ ބިޑުތައް އޭނާގެ ކުންފުންޏަށް ކާމިޔާބުވެފައިވަނީ "ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ވަރަށް ބޮޑު ތަނުން ރަނގަޅުވީމާ ކަމީ ފެންނަން އޮތް ހަޤީގަތެއް" ކަމަށެވެ.
"އެކަންކަން އަޅުގަނޑުމެންގެ މަސައްކަތްތަކުން ފެންނާނެ،" ދިފާއުގައި އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށް ވިޔަސް އަދި ދިވެހި ކޮންމެ ރައްޔިތަކަށްވެސް މިނިވަންކަމާއެކު ވިޔަފާރިކޮށް އުޅުމަށް ލިބިދޭ ހައްގުގެ ތެރެއިން ވިޔަފާރި ފުޅާކޮށް ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ އުއްމީދެއް ކަމަށް ވިދާޅުވެފަ އެވެ.
"އަަޅުގަނޑާއި އަޅުގަނޑު ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން މިއަދާ ހަމައަށްވެސް އަދި ދުވަހަކުވެސް އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ސާފުކޮށް އެއްވެސް މައްސަލައެއް ބަލާފައެއް ނެތެވެ. އަދި އިންޝާالله ބަލަންޖެހޭ މައްސަލައެއް ނުވެސް އޮންނާނެ އެވެ. އަދި އެއްވެސް މައްސަލައެއް ބަލަން އޮތްނަމަ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަންވާނެ އެވެ،" ޝުޖާއު ވިދާޅުވި އެވެ.
މިފަދަ ހަގީގަތެއް ނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން އޭނާ ކުރާ ސިޔާސީ މަސައްކަތްތައް ހުއްޓޭނެ ކަމަށް ބަޔަކު ދެކުމަކީ މޮޔަ ކަމެއް ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.