Last Updated: July 12, 19:32
Sunday, July 12, 2026
ޚަބަރު

ލާމަރުކަޒީ ގާނޫނު އިސްލާހުކުރަނީ ބާރު ފޭރިގަންނަން

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

ލާމަރުކަޒީ ގާނޫނު ބަދަލު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ރައްޔިތުންގެ އަތުގައި އޮތް ބާރުވެރިކަން ފޭރިގަތުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ހުށަހެޅި ބިލުގައި ބުނެފައިވަނީ އެ ބިލު ހުށަހެޅުމުގެ މަގުސަދަކީ ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖައާ ކުރުން ކަމަށެވެ. އަދި ކައުންސިލްތަކުގެ އުމުރުގެ އެންމެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިއްމު މާލީ ކަންކަން ނިންމުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމަކީ ވެސް މި ބިލު ހުށަހެޅުމުގެ މަގުސަދެއް ކަމަށް ބުނެފައިވެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ބަދަލު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ރައްޔިތުންގެ އަތުގައި އޮތް ބާރުވެރިކަން ފޭރިގަނެ، ރަށްރަށުގެ ހުރިހާ ކަމެއް ނިންމުމުގެ ބާރު މައި ސަރުކާރަށް ނެގުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި، އާމްދަނީ ހޯދާނެ ގޮތް ކަނޑައަޅަން ޖެހޭނީ ސަރުކާރަކުން ނޫން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރަށް ބަރޯސާނުވެ ކަންކަން ނިންމުމަށް މާލީ މިނިވަންކަން ކައުންސިލްތަކަށް އޮންނަންޖެހޭ ކަމަށާއި މިހާރު އޮތް ބިލުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ފުނޑިގެން ގޮސް، މައި ސަރުކާރަށް އަޅުވެތިވުމަށް ކައުންސިލްތަކަށް މަޖުބޫރުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން ރައްޔިތުންގެ ބާރުވެރިކަން މައި ސަރުކާރަށް ނެގުމަށް ކުރަމުންދާ ކަންކަމާ ދެކޮޅަށް ތެދުވެ ވަކާލާތު ކުރުމަށް ރަށްރަށުގެ ކައުންސިލްތަކުގައި ތިއްބެވި އެންމެހާ ކައުންސިލަރުންނަށް ފައްޔާޒު ވަނީ ގޮވާލާފަ އެވެ.