Last Updated: June 6, 11:50
Saturday, June 6, 2026
ރިޕޯޓް

ފަސް ނަމާދުން މީހާ އިސްލާހުކޮށް ދޭނެ!

ޝައްކެއް ނެތް ގޮތުގައި، ޝަހާދަތުގެ ދެ ކަލިމަ ކިޔައިގެން އިސްލާމްވެގެން ހުންނަ މުސްލިމް އަޅާއަށް އޭނާގެ ޙަޔާތުގައި އެންމެ މުހިންމު އެއް ވާޖިބަކީ ނަމާދެވެ. އެއީ ޢަމަލީ ކަންކަމުގެ ތެރެއިން އެންމެ އިސްކަން ދޭން ޖެހޭ ކަމެވެ.

އެހެންކަމުން، ނަމާދު ކުރެވޭތޯ މުސްލިމް އަޅާ ބަލަން ވާނީ އެންމެ ފުރިހަމަ ގޮތުގަ އެވެ. ފިރިހެނެއް ނަމަ، ޖަމާޢަތުގަ އެވެ. ނަމާދު ކުރާއިރު މާތް ﷲ އަށް ހިތް ނިޔަތް ޚާލިޞްކުރާ ޙާލު އެ ނަމާދެއް ކުރުން މުހިއްމެވެ. އަދި ނަމާދުގެ ރުކުންތަކާއި ވާޖިބާތާއި ސުންނަތްތަކަށް ފުރިހަމައަށް ސަމާލުކަން ދީގެން ވީހާ ވެސް ފުރިހަމަ ގޮތުގައި ނަމާދު ކުރެވޭތޯ ބަލަން ވާނެ އެވެ.

އެހެނީ، ކޮންމެ ދުވަހަކު ފަރުޟު ފަސް ނަމާދު އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރާ މީހެއްގެ ޙަޔާތަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. މާތް ﷲ ފަރުޟު ފަސް ނަމާދު ލައްވާފައިވަނީވެސް އެކަމަށްޓަކައެވެ. އިންސާނާ އަކީ ގިނަގިނައިން ހަނދާން ނެތޭ މީހެކެވެ.

ދުނިޔެވީ ޙަޔާތުގެ ޒީނަތްތެރިކަމާއި މަޖަލާއި އުފާ ފެނުމުން އާޚިރަތް މަތިން އިންސާނާ ހަނދާން ނެތޭ ގޮތް ވެއެވެ. އަދި ހަމައެހެންމެ، ދުނިޔެވީ ރިވެތި މަންޒަރުތައް އިތުރަށް ރީތިކޮށްފައި ޝައިޠާނާ އޭނާ އަށް ދައްކާނެ އެވެ. އިންސާނާގެ ހިތަކީ ރީތި މަންޒަރުތަކާއި އުފަލާއި މަޖަލަށް ލެނބޭ އެއްޗެކެވެ. އެހެންކަމުން، އެ ޣާފިލުކަމުން އިންސާނާ ސަލާމަތްކޮށް ދޭނެ ވަޞީލަތަކަށް މާތް ﷲ ލައްވާފައި ވަނީ ނަމާދެވެ.

ފަރުޟު ފަސް ނަމާދު އޭގެ ފުރިހަމަ ގޮތުގައި ކުރާ މީހަކަށް މި ޙަޔާތުގެ މަޤްޞަދު ހަނދާން ނެތިގެނެއް ނުދާނެ އެވެ. މި ޙަޔާތަކީ ވަޤުތީ ތަނެއްކަން އޭނާ ހަނދާން ހުންނާނެ އެވެ. އަދި މިތަނަކީ އިމްތިޙާނެއް ކަމާއި މި އިމްތިޙާނުގެ ނަތީޖާ ފެނިގެން ދާނީ ޤިޔާމަތް ދުވަހުންކަން ހަނދާނުގައި އަބަދުގެ އަބަދަށް ހުންނާނެއެވެ. އުޚުރަވީ ޙަޔާތާ އަޅާ ބަލާއިރު މި ޙަޔާތަކީ އެއްވެސް އެއްޗެއް ނޫންކަން އޭނާއަށް އެނގޭނެއެވެ. މަރު އޮތީ ކުރިމަތީގައިކަން އޭނާއަށް އެނގޭނެ އެވެ. އަދި ނުހަނު ގާތުގައި ނަރަކައާއި ސުވަރުގެ އޮތް ކަމާއި ފަހަތުން އަރައި ހަމަކުރަން މަލަކަލްމައުތު އަންނަ ކަން އޭނާ އަށް އެނގޭނެ އެވެ. މި ޙަޔާތުގައި ކިރިޔާ ވެސް ފައިދާއެއް ނުވަތަ ހެވެއް އޮތްނަ މަ، އެ ހެވަކީ މާތް ﷲ އެންގެވި ގޮތުގައި ޙަޔާތުގެ ވަޤުތުތައް ހޭދަކުރުންކަން އޭނާއަށް އެނގޭނެ އެވެ. މިއީ އެ ދުނިޔެއަށްޓަކައި ކުރާ ދަނޑުގޮވާމެއްކަން އޭނާ ދަންނާނެ އެވެ.

އަދި ހަމައެހެންމެ، އެ އަޅާއަށް ފާފައެއް ކުރެވިފައިވާ ނަމަ، އެކަމަށް ދެރަވެ، ކޮންމެ ނަމާދެއްގައި މާތް ﷲ ގެ ޙަޟްރަތުގައި އިސްތިޣުފާރުކޮށް ތައުބާވާނެ އެވެ. އިންސާނާ އަކީ ފާފަކުރެވޭ، އަދި ފާފަ ކުރެވޭނެ އަޅެކެވެ. އެކަމަކު ވެސް، އޭނާއަކީ ފަރުޟު ފަސް ނަމާދު ޤާއިމުކުރާ މީހެއް ނަމަ، އޭ ނާއަށް ހުރެވޭނީ އަބަދުމެ ފާފަފުއްސެވުމަށް އެދި ދެންނެވުމުގެ މަތީގަ އެވެ. އެއާއެކު އޭނާއަށް ކުރެވޭ ފާފަތައް ވެސް ވަރަށް މަދުވާނެ އެވެ.

ފާފަތަކުން އެއްކޮށް ދުރުވުމަށް ކޮންމެ ނަމާދެއްގައި ވެސް އޭނާ ޢަޒުމް ކަނޑައަޅާނެ އެވެ. އެއީ، މާތް ﷲ ގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ.

﴿إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ﴾ [سورة العنكبوت ٤٥]

މާނައީ: “ހަމަކަށަވަރުން، ނަމާދަކީ ފާޙިޝްކަންކަމާއި މުންކަރާތްތަކުން ދުރުކޮށްދޭ ކަމެކެވެ.”

މިކަން މިހެން ހުރުމާއެކު، އިސްލާމް ދީނުގައި ނަމާދަށް އެހާ އަހައްމިއްޔަތުކަމެއް ދެއްވާފައިވާ ސަބަބު ވިސްނެ އެވެ. އަދި ނަމާދު އަޅާ މީހާ ކާފަރުވެއްޖެކަމަށް ނަބަވީ އިރުޝާދުގައި އޮތް ސަބަބުވެސް ވިސްނައިގަނެވެއެވެ. މާތް ﷲ އިސްލާމްދީން ބާއްވައިލެއްވީ ޖަހާލަތުގެ އަނދިރިކަމުން އިސްލާމްކަމުގެ ނޫރަށް އަޅުތަކުން ގެނައުމަށްޓަކައެވެ. އަދި އެކަން އިންސާނާއަށް ޙާޞިލްވާނެ އެންމެ މަތިވެރި ވަޞީލަތެއްކަމުގައި މާތް ﷲ ލައްވާފައިވަނީ ނަމާދެވެ. ވުމާއެކު، ނަމާދު ދޫކޮށްލާ މީހަކަށް މި ދީނުގައި އެއްވެސް ނަޞީބެއް ނެތް ކަމުގައި ޢުމަރުގެފާނު ވިދާޅުވި ސަބަބުވެސް ވިސްނައިގަނެވެ އެވެ.

މިކަންކަން ޙާޞިލްވާން އަންނަނީ ނަމާދު އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރެވޭތޯ ބަލާނަމައެވެ. އެހެންކަމުން، ނަމާދަށް ފަރުވާ ކުޑަ ކުރާ މީހުންނާއި ނަމާދު ވަޤުތު ފާއިތުކުރާ މީހުންނާއި ކަންނެތްކަމާ އެކު ނަމާދު ކުރާ މީހުންނަށް ވެސް ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ ލަޢުނަތް ލައްވައިފަ އެވެ.

فَوَيْلٌ لِّلْمُصَلِّينَ ﴿٤﴾ الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ﴿٥﴾ الَّذِينَ هُمْ يُرَاءُونَ ﴿٦﴾ [سورة الماعون]

މާނައީ: “ފަހެ، އެއުރެންގެ ނަމާދުގައި ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދު ކުރާ މީހުންނެވެ.”

މިއިން އެނގިގެން ދަނީ ނަމާދު އޭގެ ފުރިހަމަ ގޮތުގައި ނުކުރާ މީހެއް ނަމަ، އޭނާގެ ނަމާދުގައި މާ ބޮޑު ބަރުދަނެއް ނެތްކަމެވެ. އޭނާގެ ނަމާދުން ނަމާދު ފަރުޟު ކުރެވުނު މަޤްޞަދު ޙާޞިލު ނުވާތީ އެވެ. މިއީ ނަމާދުކުރާ، އެހެނަސް ނަމާދަށް ފަރުވާ ކުޑަކުރާ މީހުންނަށް ހުރި ނުރައްކަލެކެވެ. އެހެންކަމުން، ނަމާދު ނުކޮށް އެއްކޮށް ދޫކޮށްލާ މީހުންނަށް މިއަށް ވުރެ ވެސް ވަޢީދު ބޮޑުވާނެކަން ތަޞައްވަރު ކުރެވެ އެވެ. ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ނަޒަރު ހިންގާލި މީހަކަށް އެކަން އެނގި ސާބިތުވެގެންދާނެއެވެ.

ނަމާދަކީ އަޅާއާ ވެރިރައްބާ ދެމެދުގައިވާ ގުޅުމެވެ. އެ ގުޅުން ކަނޑާލައިފިނަމަ، އެމީހަކަށް އެއްވެސް ކާމިޔާބެއް، ފަލާހެއް ނެތެވެ. ނަމާދަކީ އޭގެ ޒާތުގައި ކާމިޔާބެވެ. ފަލާހެވެ. އެހެންކަމުން، ބަންގީގައި حي على الصلاة ، حي على الفلاح އެވެ ގޮވައިލެވެނީ އެހެންވެ އެވެ.

ނަމާދަކީ ކާމިޔާބެވެ. ނަމާދު ދޫކޮށްލާފައި ހޯދޭނެ އެހެން ކާމިޔާބެއް ނެތެވެ. ޙަޤީޤީ ކާމިޔާބީ އަކީ ނަމާދެވެ.

މަސްދަރު: ދިސަލަފިއްޔާ