Last Updated: June 9, 17:53
Tuesday, June 9, 2026
މުނިފޫހިފިލުވުން

އޭކަންގެ ޝޯތަކެއް އިންޑިއާގައި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން އިންޑިއާގައި ޝޯތަކެއް ދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޭނަ އިންޑިއާގެ ތިން ސިޓީއެއްގައި ޕަފޯމްކުރަން ހަމަޖެހިފައިވެ އެވެ. އެގޮތުން ފުރަތަމަ ޝޯ އޮންނާނީ ވެރިރަށް ނިއު ދިއްލީގައި ނޮވެމްބަރު މަހުގެ 9 ގަ އެވެ. ދެވަނަ ޝޯ އެ މަހުގެ 14 ގައި ބެންގަލޫރްގައި ބާއްވަން ތާވަލުކޮށްފައިވާ އިރު، ތިން ވަނަ ޝޯ ނޮވެމްބަރު 16 ގައި އޮންނާނީ މުމްބާއީގަ އެވެ.

ކުރިން ވެސް އިންޑިއާގައި ޕަފޯމްކޮށްފައިވާ އަދި ބޮލީވުޑްގެ ފިލްމަކަށް ލަވައެއް ވެސް ކިޔާފައިވާ އޭކަންގެ އިންޑިއާގެ ޝޯތައް އިންތިޒާމު ކުރަނީ ވައިޓް ފޮކްސް އާއި ޕާސެޕްޓް ލައިވް ގުޅިގެންނެވެ. އޭކަން ޝޯތަކުގެ ޓިކެޓް އެކްސްކްލޫސިވްކޮށް ވިއްކާނީ އިންޑިއާގެ މަޝްހޫރު ކާނާ ޑެލިވަރީ ކުންފުނި ޒޮމާޓޯގެ ދަށުން ހިންގަމުން އަންނަ ޑިސްޓްރިޓޯއިންނެވެ.

ޝާހްރުކް ޚާންގެ 2011 ގެ ސުޕަހީރޯ ފިލްމު "ރާ.ވަން' ގައި ހިމެނޭ "'ޗައްމަކަ ޗައްލޯ" ލަވަ ކިޔާފައިވާ އޭކަން ބުނީ 13 އަހަރު ފަހުން އަނެއްކާ ވެސް އިންޑިއާގައި ޕަފޯމްކުރަން ފުރުސަތު ފަހިވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އިންޑިއާ އަކީ ޝޯތަކުގައި ވަރަށް ފޯރި ނަގާ ބަޔަކު އުޅޭ ގައުމެއް ކަމަށެވެ.

"އެހެންވެ އެ ފޯރި ނަގާލަން އަނެއްކާ ވެސް އިންޑިއާ ދެވޭތީ ވަރަށް އުފަލުން މި ހުރީ." މީގެ އަހަރުތަކެއް ކުރިން ނިއު އިޔާ ޝޯއެއްގައި ރާއްޖޭގައި ވެސް ޕަފޯމްކޮށްފައިވާ ފަންނާނު ބުންޏެވެ.

މަގުބޫލު އެތައް ލަވައެއް ގެނެސްދީފައިވާ މިހާރު އުމުރުން 52 އަހަރުގެ އޭކަން މިހާތަނަށް 5 އަލްބަމް ނެރެފައިވެ އެވެ. އޭނަގެ އެންމެ ފަހުގެ އަލްބަމަކީ 2019 ގެ 'އެކޮންޑާ' އެވެ.