މި އަހަރުގެ އޮކްޓޯބަރު މަހު ޕާކިސްތާންގައި ބާއްވާ މައުރަޒެއްގައ ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ އޮކްޓޯބަރު މަހުގެ 7-9 އަށް ބާއްވަން ހަމަޖެހިފައިވާ 41 ވަނަ 'ޕާކިސްތާން އިންޓަނޭޝަނަލް ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަން 2025' ކަމަށެވެ.
އޭގައި ބައިވެރިވުމުގެ ފުރުސަތު، ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ކަމަށް ޕާކިސްތާނު ސަރުކާރުން އަންގާފައިވާތީ ދިވެހި ވިޔަފާރިތަކަށް އެ ފުރުސަތު ހުޅުވައިލީ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މައުރަޒު ބާއްވަން ހަމަޖެހިފައި ވަނީ ޕާކިސްތާނުގެ ލާހޯރުގެ ޕާލް ކޮންޓިނެންޓަލް ހޮޓެލްގަ އެވެ.
ތިން ދުވަހުގެ މުއްދަތަށް ބާއްވާ މައުރަޒުގައި، ހޭންޑްމޭޑް ކާޕެޓް އިންޑަސްޓްރީގެ އުފެއްދުންތެރިންނާއި އެކްސްޕޯޓަރުން އެ ފަރާތްތަކުގެ އަގުހުރި އުފެއްދުންތައް ޚާއްޞަ ސްޓޯލްތަކެއްގައި ދައްކުވައި ދޭނެ އެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށް އަދި އެޕްރޫވަލް ލިބޭ ފަރާތްތަކަށް ޕާލް ކޮންޓިނެންޓަލް ހޮޓެލް ލާހޯރުން ތިން ރޭގެ ހިލޭ ހުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އަދި ޕާކިސްތާން ސަރުކާރުން ކަނޑައަޅާ އެހެނިހެން ޚާއްޞަ ޕެކޭޖުތަކެއްވެސް ފޯރުކޮށް ދޭނެ އެވެ.
އެހެންވެ މައުރަޒުގައި ބައިވެރިވާން ޝައުގުވެރިވާ ވިޔަފާރިތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14 އާ ހަމައަސް ވަނީ ހުޅުވާލައިފަ އެވެ. އެޕްލިކޭޝަން ހުށަހަޅާނީ މި މެއިލް [email protected] މެދުވެރިކޮށެވެ.