ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާ ދެކޮޅަށް ކައުންސިލަރުން އިހުތިޖާޖު ކުރުމަށް އެމްޑީޕީން ގޮވާލައިފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ގާނޫނަށް ހުށަހަޅާފައިވާ ބަދަލުތަކާއެކު ކައުންސިލްތަކުގެ މާލީ މިނިވަންކަން އެއްކޮށް ނެތިގެންދާނެ ކަމަށެވެ. ކުރިއަށް އޮތް ކައުންސިލު އިންތިހާބުގެ ކުރިން ރާއްޖޭގެ ކައުންސިލުތައް ނެތިކޮށްލުމަށް ޕީއެންސީގެ ސަރުކާރުން ދައުލަތުގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ކުރަމުންދާ ކަންކަން އެމްޑީޕީން ވަނީ ކުށްވެރިކޮށްފަ އެވެ.
"ރަށްރަށުގެ މައްޗަށް ބާރު ފޯރުވަން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް އެމްޑީޕީ އިން ގަބޫލު ކުރަން،" އެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ވަނީ ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ތެދުވެ އަޑު އުފުލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ކައުންސިލަރުންނާއި އެންމެހާ ރައްޔިތުން އިހުތިޖާޖު ކުރުމަށް ގޮވާލާފަ އެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި ތަރައްގީގެ ޕްރޮޖެކްޓު ހިންގުމަށާއި މުވައްޒަފުން ނެގުމަށް ލިބޭ ބާރު ހަނިކުރުން ހިމެނެ އެވެ.
އެގޮތުން، އެ މަސައްކަތަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއަކަށް ވެގެން ނުވާނެ ކަމަށާއި، އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ވާންޖެހޭނެކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ އަދަދު، 10 މިލިއަނަށްވުރެ ބޮޑުވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެއިތުރުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެކި ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުލި ނެގުން ވެސް މަނާކޮށްފައި އެވެ.