Last Updated: July 12, 19:32
Sunday, July 12, 2026
ޚަބަރު

ކޮރަޕްޓް މީހުންނަށް ވެސް މަރުގެ އަދަބު ދޭން ޖެހޭ

ކޮރަޕްޓް މީހުންނަށް ވެސް މަރުގެ އަދަބު ދޭންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ މަރުގެ ޙުކުމްގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އެބަ ދައްކަވާ ކަމަށާއި ގަޓު ހުރިނަމަ މި ގައުމަށް ތަކުރާރުކޮށް ޖެހިފައިވާ އެންމެ ބޮޑު ވަބާ ކަމަށްވާ ގައުމު ލޫޓުވާ ކޮރަޕްޓް މީހުންގެ މައްޗަށް މަރުގެ އަދަބު ގެނައުމަށް ގޮވާލާ ކަމަށެވެ.

"އެއޮތް މުއްސަނދި ޗައިނާ ވެސް ނުޙައްގުން ހޯދާ މުއްސަނދި ކަމަށް ދެނީ މަރުގެ އަދަބު،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު މިހެން ވިދާޅުވި އިރު، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުން، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނުގައި ހިމެނުމަށް ރައީސް މުއިއްޒު ދާދިފަހުން ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގަވާފަ އެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.

އެގޮތުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް މިހާރު ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.