Last Updated: July 12, 19:32
Sunday, July 12, 2026
ޚަބަރު

މި ސަރުކާރަކީ ރައްޔިތުންނަށް ލިބުނު ނިއުމަތެއް

މި ސަރުކާރަކީ ރައްޔިތުންނަށް ލިބުނު ނިއުމަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ މި ސަރުކާރު އައުމާއި އެކު ރައްޔިތުންގެ ޖީބުތައް ހުސްވެ، ރައްޔިތުން ނިކަމެތި ވެފައިވާ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ މި ސަރުކާރު ދިވެހި ރައްޔިތުންނަށް ލިބުމަކީ ލިބުނު ނިޢުމަތެއް ކަމަށާއި އެހެންނޫން ނަމަ މި ޤައުމު އޮންނާނީ ބަނގުރޫޓު ވެފައި ކަމަށެވެ.

އެމްޑީޕީގެ އިސް ބޭފުޅުންގެ ގޮތްކުޑަ ކަމާއި ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ގެންގުޅުއްވާ މޮޅު އުކުޅުތަކާއި މެދު ހައިރާންވެ އަންތަރީސްވާ ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަށް އެނގޭ ތިއީ ލާނެތް ވެރިކަމެއް ކޮށްފައިވާ ބައެއްކަން،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު މިހެން ވިދާޅުވި އިރު އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރު ކުރި ކަމަށް ބުނާ ރިޕޯޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ރިޕޯޓުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް ވަނީ އެ މަގާމުން ދުރުކޮށް އެ މަގާމަކަށް ބަދަލުކޮށްފަ އެވެ.