Last Updated: July 12, 19:32
Sunday, July 12, 2026
ޚަބަރު

ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުން ރައްޔިތުން ވާނީ ނިކަމެތި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ؛ އެމްޑީޕީ

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެންދަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި ތަރައްގީގެ ޕްރޮޖެކްޓު ހިންގުމަށާއި މުވައްޒަފުން ނެގުމަށް ލިބޭ ބާރު ހަނިކުރުން ހިމެނެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ ފެހި ޤާނޫނު އަސާސީ އިން ރައްޔިތުންގެ ތަރައްޤީއަށް މަގުފަހިވި ނިޒާމީ އެންމެ މުހިއްމު އެއް ބަދަލަކީ ލާމަރުކަޒީ ނިޒާމު ޤާއިމުވުން ކަމަށާއި އެކި ވެރިކަމުގައި އެ ބާރުތަކާއި ވަޞީލަތްތައް ހަނިކޮށް، ފުޅާކުރަމުން އައިސް 2019 ވަނައަހަރު ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާޙްތަކަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ސިޔާސީ ހުރިހާ ފިކުރުތަކުގެ ތާއީދާވެސް އެކު ފާސްކޮށް ޢަމަލުކުރަމުން އައި އިޞްލާޙުތަކެއް ކަމަށެވެ.

ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމުގެ ބާރުތައް ރަށު ރައްޔިތުންނަށް ނުދީ މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއް ކަމަށާއި ކޮންމެ ރަށެއްގެ އިޚްތިޞާޞް މިހާރު ކަނޑައެޅި، ދައުލަތުގެ ޢާމްދަނީގެ ވަކި މިންވަރެއް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބި، ކައުންސިލްތަކަށް ވަކި އުޞޫލެއްގެ ތެރެއިން ވިޔަފާރި ކުރެވޭނެ ހުއްދަތައް ދިނުމުގެ ހެޔޮ ނަތީޖާ ފެންނާން ފަށައި، ކައުންސިލްތައް ފުދުންތެރިވާން ފަށާފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ 2019 ވަނައަހަރު ގެނެވުނު އިޞްލާޙްތަކުގެ ހެޔޮ ބަދަލުތައް ފެންނާން ފަށާފައިވާ މި ޅަފަތުގެ ވަގުތު އަނެއްކާވެސް މަރުކަޒީ ވިސްނުމުގައި، ސިޔާސީ ބޭނުމަށް ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާ ލިބޭނީ ރަށު ރައްޔިތުންނަށް ކަމަށެވެ.

"މިކަމާ މެދު އަލުން ވިސްނަވައި، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙްތައް އަނބުރާ ގެނދިއުމަށް ގޮވާލަން،" ސޯލިހު ވިދާޅުވި އެވެ.