Last Updated: July 12, 19:32
Sunday, July 12, 2026
ޚަބަރު

ޔާމީން، ޝުޖާއަށް: އަޑުގަދަ ނުކުރޭ، ދެންވެސް ވާނީ ބޭޒާރު

ޝުޖާޢު ރައީސް ޔާމީނާއެކު

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދެންވެސް ރަނގަޅު ވާނީ އަޑުގަދަ ނުކޮށް ހުރުން ކަމަށާއި ނޫނީ ދެންވެސް ވާނީ ބޭޒާރު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރު ކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި ވަނީ ލީކުކޮށްލާފަ އެވެ. އެ ރިޕޯޓުގެ މައްސަލަ ފުލުހުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.

އެ ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޖެނުއަރީ 2024 އަށް ޝުޖާއު އާއި އާއިލާގެ ދެ މެމްބަރެއްގެ ހިއްސާ އޮންނަ ކުންފުނިތަކަށް ސަރުކާރުގެ އެކި އިދާރާތަކުން 42.5 މިލިއަން ރުފިޔާ އެކި އިވެންޓުތަކާ ގުޅުވައިގެން ދީފައިވެ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ކެޔޮކޭވަރު އިނގޭނީ ބިތުފަންގި ނެގުމުން ކަމަށާއި މިހާރު އެދަނީ ބިތުފަންގި ނެގެމުން ކަމަށެވެ. އަދި އާންމުވީ ކުޑަ މިންވަރެއް ކަމަށާއި ލައްކަ ސާމާނު އެބަހުރި ކަމަށް އެ ރިޕޯޓު ލީކުކޮށްލި "ހަސަން ކުރުސީ"ގެ އެކައުންޓުން ބުނެފައިވާއިރު އެކަމާ ވަރަށް އުފާކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އާދަޔާ ހިލާފަށް ތިމަންނަ މިކަމެއް ނުކުރަމޭ ކިޔާފައި އަޑުގަދަކުރާއިރު، މި މީހުންނަށް ނޭނގެނީތަ މި މީހުން ކަންތައް ކުރާ ގޮތް ބަލަން އެނގޭ އެހެން ބަޔަކު ނެތް ކަމަށް؟ ކޮންތާކުން ހޯދި މުއްސަނދި ކަމެއް މިއީ؟،" ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ އެކަހަލަ ވާހަކަ ނުދައްކާ. ތިހެން އުޅުނު ވަރަކަށް ފަޟީހަތް ވާނީ، ބޭޒާރު ވާނީ،"

މި މައްސަލައާ ގުޅިގެން މިރޭ ޝުޖާއު ބިޑި އަޅުވައިގެން ގެންދިޔައަސް މާދަމާ ދޫކޮށްލާނެ ކަމަށާއި މިހާރު މިއޮތް ފުލުހުންގެ މުއައްސަސާ އަށް އެ މައްސަލަ ނުވެސް ބެލޭނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އެގޮތުން ތަހުގީގަށް ބަޔާން ދޭއިރު ޝުޖާއު އެހެން އެންމެންގެ ވާހަކަވެސް ދައްކާނެ ކަމަށާއި ފުލުހުންނަށް މި މައްސަލަ ނުބެލޭނީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

މި ރިޕޯޓުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް ވަނީ އެ މަގާމުން ދުރުކޮށް އެހެން މަގާމަކަށް ބަދަލުކޮށްފަ އެވެ.

އެމްއެމްއޭ އިން ބުނީ އެ ބަދަލަކީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގެންނަމުންދާ ސްޓްރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ބަދަލެއް ކަމަށެވެ.