Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ރައީސް މުއިއްޒަކީ އަތޮޅު ތަރައްގީއާ ދެކޮޅު ވެރިއެއް

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އަތޮޅުތަކުގެ ތަރައްގީއާ ދެކޮޅު ވެރިއެއް ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެންނަން އުޅޭތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ނިޒާރު ވިދާޅުވީ ރައީސް މުއިޒްގެ ސީދާ މަޝްވަރާ ލިބިގެން އަތޮޅުތެރޭ ރައްޔިތުން އަޅުވެތިކޮށް މާލޭ ސަރުކާރަށް އާދޭސް ދެެއްނެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން މަޖްލިސްއަށް ހުށައަޅާ ނިޔަތް ވަރަށް ސާފު ކަމަށެވެ.

އޭނަ ވިދާޅުވީ ރައީސް މުއިއްޒަކީ އަތޮޅުތަކުގެ ތަރައްގީއާ ދެކޮޅު މާލެ ތޮއްޖައްސާ ސިޔާސަތަށް ތާއިދު ކުރައްވާ މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅެއް ކަމަށެވެ.

"މި ވެރިކަމަށް ދެ އަހަރުވީ އިރު އައްޑޫ ސިޓީގެ ތަރައްގީއަށް ޑޮލަރެއްގެ މިންވަރު ހޭދަނު ކުރެވިދާކަމީ ފެންނަން އޮތް ހަގީގަތެއް." މޭޔަރު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެ ނަމަ ކައުންސިލްތަކުގެ ކުންފުނިތަކުގެ މަސައްކަތްތައް ވެސް ހުއްޓޭނެ ކަމަށާއި އެފަދަ ޖާހިލު ވިސްނުމަކަށް ދިޔުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް އޭނަ ވިދާޅުވި އެވެ. ނިޒާރު ވިދާޅުވީ ކައުންސިލްތަކަށް މާލީ މިނިވަންކަން އޮންނަން ވާނެ ކަށާއި އެއީ ރައްޔިތުންނަށް ލިބޭ މިނިވަން ކަމެއް ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެންނަން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޕީއެންސީގެ އިބްރާހިމް ހުސެއިން ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި ތަރައްގީގެ ޕްރޮޖެކްޓް ހިންގުމަށާއި މުވައްޒަފުން ނެގުމަށް ލިބޭ ބާރު ހަނިކުރުން ހިމެނެ އެވެ.