Last Updated: June 9, 17:53
Tuesday, June 9, 2026
މުނިފޫހިފިލުވުން

'ލަވް އެންޑް ވޯ' އިން ޕްރިޔަންކާ ފެނިދާނެ!

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު 'ލަވް އެންޑް ވޯ' އިން މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ފެނިދާކެމުގެ ވާހަކަތަކެއް ދެކެވެން ފަށައިފި އެވެ.

އަންނަ އަހަރުގެ މާޗް ހިސާބުގައި ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވޭ މި ފިލްމުގެ ލީޑް ތަރިންނަކީ ރަންބީރް ކަޕޫރާއި އޭނަގެ އަންހެނުން އާލިއާ ބަޓްގެ އިތުރުން ވިކީ ކޯޝަލެވެ.

'ލަވް އެންޑް ވޯ' ގެ ހާއްސަ ފެނިލުމަކުން ޕްރިޔަންކާ ފެނިދާކަމުގެ ވާހަކަތަކެއް ދެކެވެން ފެށި އިރު މީގެ ކުރިން، މީގެ ހާއްސަ ކެމިއޯއެއް ދީޕިކާ ޕަދްކޯނަށް ހުށަހެޅިކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ. ނަމަވެސް މިހާރު ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ވަރަށް ހާއްސަ ލަވަކުން ޕްރިޔަންކާ ފެނުމުގެ ފުރުސަތު ބޮޑެވެ.

އެ ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށީ ރަންވީރު ސިންގް އާއި ދީޕިކާއަކު ބަންސާލީ 2013 ގެނެސްދިން 'ރާމް-ލީލާ' އަށް ޕްރިޔަންކާ ކުޅުނު އައިޓަމް ލަވައާ ގުޅޭ ވާހަކަތަކެއް އޭނަ ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމާ ގުޅިގެންނެވެ. އެ ޕޯސްޓްގައި ބުނީ ފިލްމުން މަޝްހޫރުވި ލަވަ "ރާމް ޗާހޭ ލީލާ ޗާހޭ' ލަވަ ކުޅެދޭން ބަންސާލީ ހުށަހެޅުމުން އެކަމަށް އެއްބަސްވާން ޖެހިލުންވި ކަމަށެވެ.

ސަބަބަކީ ބަންސާލީ އެންމެ ބޭނުންވާ ގޮތަށް ލަވަ ހުށަހަޅައި ދެވިދާނެކަމާ މެދު އަމިއްލަ ނަފުސާ މެދު ޝައްކުތަކެއް ހުރުމުން ކަމަށާއި އެކަމަކު ލަވައިގެ ޓީމާއި ބަންސާލީގެ އިރުޝާދުތަކާ އެކީ ލަވަ އަށް ކުރެވުނު މަސައްކަތަކީ މިހާރު ވަރަށް ހިތްގައިމު ހަނދާންތަކެއް ކަމަށް ޕްރިޔަންކާ ބުންޏެވެ.

އޭނަގެ މި ޕޯސްޓް މީޑިއާތަކުން ގުޅުވީ 'ލަވް އެންޑް ވޯ' ގައި ހިއްސާވާން ފުރުސަތެއް ލިބުނުކަމުގެ އިޝާރާތެއްގެ ގޮތުގަ އެެވެ. އެހެންވެ 'ރާމް-ލީލާ' ގޮތަށް ބަންސާލީގެ އާ ފިލްމުގެ ލަވައަކުން ވެސް ޕްރިޔަންކާ ފެނިދާނެކަމުގެ އުންމީދު މިހާރު އޮތް ކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.

ނަމަވެސް ބަންސާލީގެ ޓީމުން މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ޕްރިޔަންކާ އަކީ 2017 ގައި ރަންވީރާއި ދީޕިކާއާ އެކު ބަންސާލީ ގެނެސްދިން 'ބަޖިރާއޯ މަސްތާނީ' ގެ ސަޕޯޓިން ރޯލެއް ވެސް ކުޅެފައިވާ ބަތަލާއެކެވެ. އޭގައި އޭނަ އާއި ދީޕިކާގެ ނެށުންތަކެއް ދައްކުވައި ދިން ލަވައެއް ވެސް ހިމެނެ އެވެ.

މިހާރު ބޮލީވުޑަށް ވުރެ ބޮޑަށް ހޮލީވުޑަށް އިސްކަންދޭ ބަތަލާ މިހާރު އަންނަނީ 'ބާހްބަލީ' އާއި 'އާރްއާރްއާރް' ގެނެސްދިން ޑައިރެކްޓަރު ރާޖަމޯލީގެ އާ ފިލްމުގެ މަސައްކަތް ކުރަމުންނެވެ. މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫ ބަތަލުގެ ރޯލު ކުޅޭ މި އެކްޝަން އެޑްވެންޗާ ފިލްމަކީ 2019 ގެ 'ދަ ސްކައި އިޒް ޕިންކް' އަށް ފަހު ޕްރިޔަންކާ މަސައްކަތްކުރާ އިންޑިއާގެ ފުރަތަމަ ފިލްމެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ ކުރީކޮޅު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ހޮލީވުޑްގެ އެކްޝަން ކޮމެޑީ 'ހެޑްސް އޮފް ސްޓޭޓް' އެވެ.