Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ގައުމީ ތަރައްގީގެ ޕްލޭނެއް ކޮންސަލްޓަންޓެއް ހަމަޖައްސައިފި

ރާއްޖޭގެ 20 އަހަރުގެ "ގައުމީ ތަރައްގީގެ ޕްލޭން" އެކުލަވާލަން ކޮންސަލްޓަންޓަކާ ހަވާލުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެ މަސައްކަތް ހަވާލުރީ ރާއްޖޭގެ ކޮންސަލްޓެންސީ ކުންފުންޏެއް ކަމަށްވާ ނެކްސިއާ މޯލްޑިވްސްއާ އެވެ.

ގައުމީ ތަރައްގީގެ ޕްލޭނެއް ކޮންސަލްޓަންޓަކު ހޯދަން އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެެވެ.

ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ ގައުމީ ޕްލޭނަކީ ޔޫއެންޑީޕީ އާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި އެއް އަހަރުގެ ދުވަހުގެ ތެރޭގައި އެކުލަވާލައިި ނިންމަން އަމާޒު ހިފާފައިވާ ޕްލޭނެކެވެ. މި ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ގާނޫނީ ބާރުވެރިކަން ހޯދުމަށް ގައުމީ ތަރައްގީގެ ގާނޫނުގެ ބިލެއް އެކުލަވާލައި، އެ ޕްލޭން ދެމެހެއްޓިނިވި ގޮތެއްގައި ތަންފީޒު ކުރުމަށް ބޭނުންވާ އިތުރު ބާރުވެރިކަން ހޯދުމަށް ގާނޫނުއަސާސީ އަށް މާއްދާއެއް އިތުރު ކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު އިޢުލާނުކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 17 ގަ އެވެ. އަދި އެ ޕްލޭނާ ގުޅޭ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު 6 ގަ އެވެ.