Last Updated: March 29, 14:00
Friday, March 29, 2024

އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯތަކުގެ މައްސަލަ އަލުން ބަލަނީ

ކަސްބީ އަންހެނުން ތަކަކާއެކު ބަދްއަޚްލާޤީ ޢަމަލު ހިންގިކަމަށް ތުހުމަތު ކުރެވިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލީ ހަމީދު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލަ އަލުން ބެލުމަށް ފުލުހުން ނިންމާފައިވާ ކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ބެލުން ހުއްޓާލުމަށް ފަހު 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ މައްސަލަ ބެލުން ހުއްޓާލާ ފައިލްކޮށްފައިވާކަން ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އޭރު ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވަނީ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ދެން ކުރިއަށް ގެންދާނީ، ތަހުގީގު ކުރުމަށް ބޭނުންވާ އިތުރު މައުލޫމާތު ލިބުމުން ކަމަށެވެ. ނަމަވެސް އަލީ ހަމީދުގެ މައްސަލަ ބަލަން ފުލުހުން ނިންމާފައި ވަނީ އިތުރު ހެކިތަކެއް ލިބިގެން ކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ.

މީގެ އިތުރުން ކޮރަޕްޝަންގެ ތުހުމަތުގައި ދައުލަތުން އަލީ ހަމީދުގެ މައްޗަށް ކުރާ ދައުވާ ވެސް ވަނީ، މައްސަލައިގެ ލިޔެކިޔުންތަކުގެ މައްޗަށް ކޮފީތަށްޓެއް ބަންޑުންވެގެން ލިޔުންތައް ހަލާކުވިކަމަށް ބުނެ ހުއްޓާލާފައެވެ.

ފަނޑިޔާރު އަލީ ޙަމީދުގެ މައްޗަށް ބަދު އަޚުލާޤީ ޢަމަލް ހިންގެވި ކަމުގެ ތުހުމަތު ކުރެވިފައިވާއިރު، އެބޭފުޅާއަށް އަމާޒުކޮށް ސިޔާސީ ބޭފުޅުންނާއި، އާންމުންގެ ތެރެއިން ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ފާޑުކިޔަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

ޢަލީ ޙަމީދު އުފަންވެވަޑައިގެންނެވީ 25 ސެޕްޓެމްބަރ 1964 ގައި ސ. ހުޅުދޫއަށެވެ. އަދި އެމަނިކުފާނު ޤާނޫނީ ދާއިރާއިން ޑިގްރީ ހާޞިލުކުރެއްވީ މައްކާގައި ހުންނަ އުއްމުލް- ޤުރާ ޔުނިވަރސިޓީއިންނެވެ. އަދި ކެނެޑާގެ ކޮމަންވެލްތް ޖުޑީޝަލް އެޑިއުކޭޝަން އިންސްޓިޓިއުޓް އިން ފެލޯޝިޕް ވަނީ ޙާޞިލްކުރައްވާފައެވެ.