Last Updated: July 12, 17:55
Sunday, July 12, 2026
ޚަބަރު

އުއްތަމަފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން ރުހުން ދީފި

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ރުހުންދީފި އެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ޣަނީ އައްޔަންކުރަން މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާކުރަން މަޖިލިހުގެ ކޮމިޓީއަށް ފޮނުވީ މިއަދު އެވެ. އެއާއެކު މިއަދު ކޮމިޓީ ބައްދަލުވުމެއް ބާއްވާ އަބްދުލްޣަނީ މުޙައްމަދަށް ރުހުންދިނުމަށް ވޯޓަށް ވަނީ އަހާފައެވެ. ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން އުއްތަމަ ފަނޑިޔާރުކަމަށް އަބްދުލްޣަނީ އައްޔަންކުރަން ވަނީ ފާސްވެފައެވެ.

ޣަނީގެ އިތުރުން އުއްތަމަފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން އުއްތަމަފަނޑިޔާރު އައްޔަން ކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރާ މީހަކު ކަނޑައަޅާނީ ޖޭއެސްސީގެ މަޝްވަރާގެ މަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އުއްތަމަފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވުމަށް ހުޅުވާލީ އެ މަގާމުގައި ހުންނެވި އަހްމަދު މުއުތަސިމް އަދުނާނު ޝަރަފުވެރިކަމާއެކު އެ މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.