Last Updated: July 12, 17:55
Sunday, July 12, 2026
ޚަބަރު

ޑްރަގުގެ ވިޔަފާރިކުރާ ދެބެއިން ހައްޔަރުކޮށްފި

ހއ. ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެއްބަނޑުއެއްބަފާ ދެ މީހަކު އެ ރަށުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ކަރނޭޝަންވިޔު، އަބްދުﷲ ފަޞީޙް (37އ) އާއި ހއ. ބާރަށް / ކަރނޭޝަންވިޔު ، އިބްރާހީމް ކަލީމް (34އ) އެވެ.

ފުލުހުން ބުނީ ބާރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި އެ ރަށު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 5.96 ގުރާމް ކަމަށެވެ.

މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުﷲ ފަޞީޙް 15 ދުވަހަށް އަދި އިބްރާހީމް ކަލީމް 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ބާރަށު ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.