Last Updated: July 12, 17:55
Sunday, July 12, 2026
ޚަބަރު

ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެދިއްޖެ

ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ މިދުވަސްވަރު ނުކުރުމަށް އެމްއެންޑީއެފް އިން އެދިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެ ސަރަހައްދަށް ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ ކަމަށާއި، ޚާއްޞަކޮށް މުޅި ރާއްޖެއަށް ވިއްސާރަވެ، އާންމު ގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ރޭގަނޑު ދަތުރު ނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށް އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރަން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.