Last Updated: July 12, 17:10
Sunday, July 12, 2026
ޚަބަރު

ފްލެޓު ދިނުމުގައި 76 ޕޮއިންޓް ލިބުނު މީހުންނަށް އިސްކަންދެނީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅަމުން ދިޔަ ފްލެޓު އިމާރާތެއް - ފޮޓޯ: ރައީސް އޮފީސް

ގެދޮރުވެރިޔާ ސްކީމުގެ ފްލެޓް ދިނުމުގައި އިސްކަންދޭނީ 76 ޕޮއިންޓުން މަތިން ލިބުނު މީހުންނަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުން ލިބޭ ފްލްޓުތައް ކަނަޑައެޅުމަށް 2023 ވަނަ އަހަރުގެ ނޮވެންބަރު 16 ވަނަ ދުވަހު ކުރިއަށް ގެންދެވުނު ގުރުއަތުނެގުމުގައި 76 އަށްވުރެ މަތިން މާކްސް ލިބި ފްލެޓު ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ހުރިކަމަށް އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި 76 އަށްވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފްލެޓު ކަނޑައަޅާފައި ނުވަނީސް 75 އަށްވުރެ މަތިން މާކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފްލެޓު ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެ ފަރާތްތަކަށް ފްލެޓް ކަނޑައަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ 2023 ވަނަ އަހަރުގެ ނޮވެންބަރު 15 ވަނަ ދުވަހު އޭރުގެ ސަރުކާރުން ކުރި އިއުލާނުން 76 މާކްސް އަށްވުރެ މަތިން ލިބުނު ފަރާތްތަކަކީ ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ވާތީ އެ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައަޅާ އެ މަރުހަލާ ނިމުމުން، 75 މާކްސް ލިބުނު ފަރާތްތަކުގެ ފްލެޓާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މިދިޔަ ސަރުކާރުން އާންމުކޮށްފައިވާ ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށްކަމަށާއި، އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށްކަމަށާއި އަދި ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 މާކްސްއިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވެ އެވެ.

މި ސަރުކާރުން މިއަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހު އާންމުކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާ ހިއްސާކުރަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.