ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް މެޑިކަލް އިންޓާންޝިޕް ޕްރޮގުރާމް ފަށައިފި އެވެ.
މެޑިސިން ދާއިރާއިން ފުރަތަމަ ޑިގުރީ ފުރިހަމަކުރުމަށް ފަހު ޑޮކްޓަރުކަން ކުރުމަށް މޯލްޑިވްސް ޑެންޓަލް އެންޑް މެޑިކަލް ކައުންސިލުން ދޫކުރާ ދާއިމީ ލައިސެންސް ދޫކުރުމުގެ ކުރިން އިންޓާންޝިޕް ފުރިހަމަކުރަންޖެހެ އެވެ.
ރާއްޖޭގައި ފުރަތަމަ އިންޓާންޝިޕް ޕްރޮގުރާމް ހިންގަން ފެށީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައެވެ. އޭގެ ކުރިން ދިވެހި ޑޮކްޓަރުން އިންޓާންޝިޕް ފުރިހަމަކުރަނީ ކިޔަވާ ގައުމުން ނުވަތަ އާންމުކޮށް ބަންގުލަދޭޝްއިންނެވެ.
ނަމަވެސް މި ސަރުކާރުން އިންޓާންޝިޕް ޕްރޮގުރާމް ފުޅާކޮށް ދާދި ފަހުން ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ވެސް އިންޓާންޝިޕް ޕްރޮގްރާމެއް ފަށައިފަ އެެވެ.
އަމިއްލަ ހޮސްޕިޓާތަކުގެ ތެރެއިން އޭޑީކޭގައިވެސް އިންޓާންޝިޕް ޕްރޮގުރާމު ކުރިއަށް ގެންދެ އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އިންޓާންޝިޕް ޕްރޮގުރާމު ފަށާފައިވަނީ މި އަހަރުގެ ޖުލައި މަހުގައެވެ. އަދި މިއަދު ހުޅުމާލޭ ހޮސްޕިޓަލުގައި އެ ޕްރޮގުރާމުވަނީ ފަށާފައެވެ.