Last Updated: June 9, 17:53
Tuesday, June 9, 2026
މުނިފޫހިފިލުވުން

ސަލްމާނަށް ޕީރިއަޑް ތުރިލާއެއް ހުށަހަޅައިފި

ކުރިން އެކީގައި މަސައްކަތް ނުކުރާ ޑައިރެކްޓަރުންނާ އެކު ސަލްމާން ޚާން މިހާރު މަސައްކަތް ކުރަމުން އަންނަ އިރު، މަލަޔާޅަމް ޑައިރެކްޓަރު މަހޭޝް ނަރަޔާނަންގެ ޕީރިއަޑް ތުރިލާއެއް ސަލްމާނަށް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ބުނީ މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އެ ދެ މީހުން ހަތަރު ފަސް ވަރަކަށް ބައްދަލުން ވެސް ބާއްވާފައިވާ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން މިހާތަނަށް އަދި މާ ބޮޑު ތަފުސީލެއް ނުލިބޭ ޕީރިއަޑް ތުރިލާ އަކީ 1970 އިން ފެށިގެން 1990 އާ ހަމައަށް ހިނގާ ހާދިސާތަކަކަށް ބިނާކޮށްގެން ހަދަން ނިންމާފައިވާ ފިލްމެކެވެ. އަދި ސަލްމާން ރަސްމީކޮށް ފިލްމަށް ސޮއިކުރުމަށް ފަހު، މީގެ މަސައްކަތް ފަށާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

މީގެ ޑައިރެކްޓަރު މަހޭޝް، 43، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'އަރިޔިއްޕޫ' އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކަކީ 'ޕެޓްރިއޮޓް' އާއި 'ފޭންޓަމް ހޮސްޕިޓަލް' އެވެ.

ސަލްމާން މިހާރު ތައްޔާރުވަމުން އަންނަނީ މި މަހުގެ ތެރޭގައި ޑައިރެކްޓަރު އަޕޫރްވާ ލާކިއާގެ ހަނގުރާމަ ފިލްމު 'ދަ ބެޓްލް އޮފް ގަލްވާން' ޝޫޓިން ފަށަން ތައްޔާރުވަމުންނެވެ. މި ފިލްމަކީ އަޕޫރްވާއާ އެކު ސަލްމާން މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ މާޗްގައި ރިލީޒްކުރި ޑައިރެކްޓަރު އޭއާރް މުރްގަދޯސްގެ އެކްޝަން ތުރިލާ 'ސިކަންދަރު' އެވެ.