ޓެކްސް އެޕީލް ޓްރިިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަނެއްކާ ވެސް ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އަލުން ހުޅުވައިލީ މެންބަރަކު އިސްތިޢުފާ ދެއްވުމާ ގުޅިގެން ކަމަށެވެ. އެއީ މިހާރު އުއްތަމަފަނޑިޔާރު ކަމަށް އައްޔަން ކުރަން މަޖިލީހަށް ނަން ފޮނުއްވާފައިވާ ޢަބްދުލްޣަނީ މުޙައްމަދެވެ. އޭނަ އިސްތިއުފާ ދެއްވި އިރު ހުންނެވީ ޓެކްސް އެޕީލް ޓްރިިބިއުނަލްގެ ރައީސްގެ މަގާމުގަ އެވެ.
ޓެކްސް އެޕީލް ޓްރިބިއުނަލްގެ މެމްބަރު ކަމަށް ކުރިމަތިލާން ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ 19 އާ ހަމައަށެވެ.
މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސްގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
މެންބަރު ކަމަށް ކުރިމަތިލާ މީހުންގެ ޝަރުތަކުގެ ގޮތުގައި މައިގަނޑު 14 ޝަރުތެއް ހިމެނެ އެވެ. އޭގެ ތެރޭގައި މާލީ، ޓެކްސް، ވިޔަފާރި، އާއި އިޤްތިޞާދު ނުވަތަ ޤާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ޓެކްސްއާ ގުޅުންހުރި ސިޔާސަތުތަކާ ބެހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީ ގޮތުން ބައިވެރިވެވޭ ވަރުގެ ޤާބިލު ފަރާތެއްކަމުގައިވުމާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި އިންތިހާބު ކުރެވޭ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުމާއި ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކުކަމުގައި ނުވުމާއި ސިޔާސީ މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުމާއި ސިވިލް ސާވިސް މުވައްޒަފަކަށް ނުވުމުގެ އިތުރަށް މިނިވަން މުސްތަޤިއްލު މުވައްސަސާއެއްގެ މުވައްޒަފަކަށް ނުވުން ހިމެނެ އެވެ.
ޓެކްސް އެޕީލް ޓްރިިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިދިޔަ މިދިޔަ މަހުގެ ތެރޭގައި ވެސް ހުޅުވައިލި އެވެ. އެއީ މެންބަރެއްގެ ގޮތުގައު ހުންނެވި އިސްމާޢިލް ސާޖިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.