ކައުންސިލްތަކަށް ދީފައިވާ މާލީ ގިނަ ބާރުތަކެއް ނަގަން ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މާދަމާ ނިންމަން އެ ބިލު ދިރާސާކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ހުސައިން އެވެ.
އެ ބިލު ދިރާސާކުރަން މިއަދު ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހްމަދު އައިފާނު ވަނީ ބިލު އާންމުންގެ ހިޔާލަށް ހުޅުވާލުމަށާއި ބިލާ މެދު ކޮމިޓީން މާދަމާ ގޮތެއް ނިމުމަށެވެ.
އެގޮތުން ބިލަށް އާންމުންގެ ހިޔާލަށް ހުޅުވާލަން ނިންމާފައިވަނީ މާދަމާ މެންދުރު 1ގެ ނިޔަލަށެވެ. އަދި އިސްލާހުތަކާ މެދު މާދަމާ ރޭ 10ގެ ނިޔަލަށް ކޮމިޓީން ގޮތެއް ނިންމުމަށް ވަނީ ހުށަހަޅާފަ އެވެ.
އެ ހުށަހެޅުން ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލްގެ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ ބައެއް ކަންކަމާ ގުޅޭ ގޮތުން ނިންމުންތައް ނިންމޭނީ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި، ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔައް ދޫކުުރުމާއި ދިނުމާއި އަދި ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުމެވެ.
މީގެއިތުރުން ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ އެ ކުންފުނި ނިސްބަތްވާ ރަށްތަކުގައި އަމިއްލަ ވިޔަފާރިތަކުން ކުރާ އިގްތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއަކަށް ނުވުމާއި، އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ވާންޖެހޭނެކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ އަދަދު، 10 މިލިއަނަށްވުރެ ބޮޑުވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އޭގެއިތުރަށް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެކި ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުލި ނެގުން ވެސް މަނާކޮށްފައި އެވެ.
މި އިސްލާހުތަކާ މެދު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރަން ކައުންސިލަރުންނަށް ގޮވާލާފަ އެވެ.