ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލުކުރެވި، ގައުމު ދަނީ ކުރިއަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ ރާއްޖެއަށް ލިބޭ އާމްދަނީ ބޮޑުތަނުން އަންނަނީ އިތުރުވަމުން ކަމަށާއި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ރާއްޖޭގެ އިގްތިސާދު ވެސް ކުރިއަރާފައިވާ ކަމަށެވެ. ނަމަވެސް ދިމާވެގެން އުޅޭ މައްސަލައަކީ ކުރީ ސަރުކާރުން އުފައްދާފައި ހުރި ދަރަނިތައް ކަމަށް ސައީދު ވިދާޅުވި އެވެ.
މި ހާލަތުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން ރާއްޖެއަށް ލޯނުތައް ދީފައި ހުރި ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްގެންދާ ކަމަށް ސައީދު ވިދާޅުވި އެވެ.
"މިހާރު ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލުކުރެވި، ގައުމު އެބަ ކުރިއަށްދޭ. އިގްތިސާދު އެބަ ކުރިއަށްދޭ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ވާދަވެރިން ފާޑުކިޔަމުންދިޔަ ނަމަވެސް މި ސަރުކާރުން ރަށްރަށުގައި ޕްރޮޖެކްޓުތައް ވެސް ހިންގަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޕްރޮޖެކްޓުތައް މިހާރަށް ވުރެ ވެސް އިތުރަށް ހިނގަމުންދާނެ ކަމަށާއި އަދި ޕްރޮޖެކްޓުތަކުގެ ސްޕީޑު ވެސް ބާރުވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
ސަރުކާރުން އަންނަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ގިނަ ފަރާތްތަކާ ހަވާލުކުރަމުންނެވެ. އެގޮތުން ދާދިފަހުން ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ވަނީ ހަވާލުކޮށްފަ އެވެ. އަދި 6 ރަށެއްގެ ސިއްހީ މަރުކަޒު ތަރައްގީކުރުމަށް ވެސް ހަވާލުކޮށްފައިވެ އެވެ.